މޫސުން ގޯސްވެ، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:30އާ ހަމައަށް ބ އަތޮޅުން ފެށިގެން މ އަތޮޅާ ދެމެދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަތަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދު ހެނދުނު 10:30ގެ ނިޔަލަށް މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ރޭ މެންދަމު 2:00 އިން ފެށިގެން ހެނދުނު 6:00އަށް މެޓް އޮފީހުން ވަނީ ރ އަތޮޅާއި ވ އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ.
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމށެވެެ.
މެޓް އޮފީހުން ބުނީ މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ކަނޑުގަދަވާނެ ކަމަށާއި، އެ ސަރަހައްދަށް ރާޅުގެ އުސްމިން އުފުލޭނީ ފަސް ފޫޓާއި އަށް ފޫޓަށް ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުއިރު ރާޅުގެ އުސްމިން އުފުލޭނީ ތިން ފޫޓާއި ފަސް ފޫޓަށް ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.