ދިވެހި ދިދަ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޙް ޙަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެޑައިގެންނެވުމާ ގުޅިގެން ރާއްޖޭގެ ދިދަވެސް ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރާނީ ތިން ދުވަހަށް ކަމަށެވެ.

ޔޫއޭއީގެ ރައީސް ޝެއިޚު ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ މަދަމައިން ފެށިގެން މިމަހު 16ވާ ހޯމަދުވަހުގެ ނިޔަލަށެވެ. ޔޫއޭއީގެ ރައީސް އަވަހާރަވީ މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 73 އަހަރެވެ.

ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވާފައިވާއިރު، ރައީސް ސޯލިިހް މިރޭ އިރާކޮޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެއިޙް ޙަލީފާ އަވަހާރަވެވަޑައިގެންނެވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، ޝެއިޙް ޙަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ ލީޑާރެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާތް ރައްޓެއްސެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހް ވަނީ ޔޫއޭއީގެ ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށާއި ރިޔާސީ އާއިލާއަށް އެމަނިކުފާނުގެ ތައުޒިޔާ ދަންނަވާފައެވެ.

ޔޫއޭއީގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓްރީން ބުނީ ރައީސް އަވަހާރަވުމުގެ ހިތާމަ ރަސްމީކޮށް ފާޅު ކުރުމަށްޓައި އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ. އަދި ތިން ދުވަސް ވަންދެން ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.