"އިންޑިއާ އައުޓް" ލިޔެ މާލޭގެ އެކި ސަރަހައްދުތަކަށް ލިޔުންތައް އަޅަމުންގެންދާ 4 މީހަކު ދެނެގަނެވިފައިވާ ކަމަށާ އެމީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލޭގެ އެކި ސަރަހައްދުތަކަށް ލިޔުންތައް އަޅާ މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާ މި ކަމުގައި ފާހަގަ ކުރެވުނު 4 މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށެ. އެހެންނަމަވެސް އެމީހުން ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފަ އެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި ހަރަކާތަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެއްކަމަށް ގަރާރުގައި ބުނެފައިވެއެވެ.