ތ. ދިޔަމިގިއްޔާ ވިލުފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫޢު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙުމަދު ޙަމީދެވެ.

ތ.ދިޔަމިގިލީގައި އެންމެ ބޮޑަށް ރަށްގިރުމުގެ މައްސަލަ ދިމާވެފައިވަނީ ރަށުގެ ފުއްޓަރު ފަރާތާއި ދިމާލުންނެވެ. ރަށްގިރުމާއި ރަށް ގިރުމުގެ މައްސަލަ ތ.ދިޔަމިގިލީގެ 890 މީހުންގެ އާބާދީން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއް ވެފައެވެ.

ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން މީހުން އުޅޭ ސަރަހައްދުތަކުގައިވާ ބައެއް ގޯތިތައް ފަޅުކޮށް އެހެން ސަރަހައްދުތަކަށްވެސް ވަނީ މީގެ ކުރިން ބަދަލުކުރެވިފައެވެ. މީގެ އިތުރުށް ރަށްގިރައި އުދަ އެރުމުގެ ސަބަބުން ބައެއް ދަނޑުތައް ހަލާކުވެ ދަނޑުވެރިންނަށް އެތައް ގެއްލުމަކާއި ދަތިތަކެއްވެސް ވަނީ ކުރިމަތިވެފައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢުގެ ދަށުން ތ.ދިޔަމިގިލި ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުން ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން، ތ.ދިޔަމިގިލީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 205 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިއީ 23،164،180 (ތޭވީސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ސަތޭކަ އަށްޑިހަ) ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެެކެވެ.

ވިލުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 3،047 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 1،869 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 184 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ފަތާ ސަރަޙައްދު ވަކިކުރުމަށް ބެރިޔަރ ފްލޯޓްސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 11،192،295.14 (އެގާރަ މިލިއަން އެއްލައްކަ ނުވަދިހަދެހާސް ދުއިސައްތަ ނުވަދިހަފަސް ރުފިޔާ ސާދަ ލާރި) ގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 130 ދުވަހުގެ ތެރޭގައެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.