އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓު ރައްޔިތުން މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށްފަހު ކަމަށާ އޭގެ އަސްލު ލިސްޓް ލެރުއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އާއި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމުން އެކި ތުހުމަތުތައް ފައްޔާޒަށް ކުރައްވާއިރު އެތުހުމަތުތައް ސާބިތުކޮށްދިނުމަށް ތަކުރާރުކޮށް ފައްޔާޒު ދަނީ ގޮވާލައްވަމުންނެވެ. އިންތިގެ ޓީމުންކުރާ އެއްތުހުމަތަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ސަރުކާރުން ނުބަލާ ކަމުގެ ތުހުމަތެވެ. މިކަމަށް ރައްދުދެއްވާ ފައްޔާޒުވަނީ ސަންގުޓީވީން ބޭއްވި ޗެއާޕާސަންގެ ބަހުސްގައި ވާހަކަ ދައްކަވާފައެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ހިޔާނާތް ބެލުމަށް ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސަކަށް ހުންނެވީ އޭނާގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމުގެ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ކުރިއެރުމެއް ހޯދިފައިނުވާނަމަ އެކަން ގުޅެނީ އިންތިގެ ޓީމާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އިންތިގެ ޓީމުގެ ގިނަ ބޭފުޅުން ދައްކަވަނީ ހުސް ދޮގު ވާހަކަތައް ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ނެރުނީ ވެސް ވަކި ބަޔެއްގެ ނަންތައް އުނިކޮށްފައި ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަންތައް އުނިކޮށްފައި ރައްޔިތުންގެ މަޖިލީހުން ނެރުނީ، ހަގީގީ ލިސްޓު އަދި އަޅުގަނޑުމެން ނެރޭނަން،"
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓް މަޖިލިހުން ނެރުނީ އޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ނަންތައް އުނިކޮށްފައި ކަމަށް ލިސްޓް ނެރުނު އިރުވެސް ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް އެކަން މަޖިލިހުން އޭރުވަނީ ދޮގުކޮށްފައެވެ.