ގދ. ގައްދޫ އައިސްޕްލާޓުގެ ކެޕޭސިޓީ އިތުރުކުރަން މިފްކޯ އިން ނިންމައިފިއެވެ.
މިފްކޯއިން ބުނީ މަސްވެރިންނަށް ފޯރުކޮށްދޭ އައިހުގެ ކެޕޭސިޓީ އިތުރުކޮށް ފަސޭހައިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅީން އައު 50 ޓަނުގެ ޕްލާންޓެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
ގައްދޫގައި މިހާރު އައިސް އުފައްދަނީ 25 ޓަނުގެ އައިސްޕްލާންޓަކުންނެވެ.
މިފްކޯއިން ބުނީ މި މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާ މި މަޝްރޫޢުގެ ދަށުން އެ ރަށުގައި އައިސް ޕްލާންޓުގެ އިތުރަށް 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރެއް ވެސް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އައިސް ޕްލާންޓް ގާއިމްކޮށް ނިމުމުން އެސަރަހައްދުގެ މަސްވެރިނަށް އައިސް ފަސޭހަ ކަމާއެކު ލިބުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައެވެ.