ރައީސް މައުމޫން -- ފޮޓޯ: ސަން

ދެހާސް އަށާރަ ވަނަ އަހަރު ކުއްލި ހާލަތު އިއުލާންކުރައްވައި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހައްޔަރުކުރެއްވީ އެމަނިކުފާނު ނޫންކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް އިން ރައްދުދީފިއެވެ.

ވިލިމާލޭގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރެއްވީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށާ އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށެވެ.

ޔާމީން ވިދާޅުވީ މައުމޫން ހައްޔަރުކުރަން ލަފާދެއްވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ކަމަށާއި މައުމޫން ހައްޔަރުކުރަން އެއްވެސް އިރަކު ބޭނުންފުޅު ނުވާ ކަމަށެވެ.

ޔާމީންގެ އެ ވާހަކަތަކަށް ރައްދުދީ އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ ވެރިކަން ވައްޓާލުމަށް ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމަށް ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުން އެ ތާރީހުގައި ސަރުކާރު ވައްޓާލުމަށް ނުވަތަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭ ގޮތަށް އެއްވެސް އަމުރެއް ނެރުއްވާފައިނުވާ ކަމަށެވެ.

އެމްއާރްއެމުން ބުނީ، ސުޕްރީމް ކޯޓުން ނެރުނު އެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އެއިރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާ ހިލާފަށް އަމަލުކުރުމަށް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރި ކަމަށެވެ. އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި، ގާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އެއިރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލިއެވެ.

އެމްއާރްއެމް އިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން އިއްޔެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފަ އެވެ.

އެގޮތުން ރައްޔިތުންގެ ކުރިމަތީ، ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގުހަދައި، ހަޤީޤަތް އޮޅުވާލަން މަސައްކަތްކޮށް އަނިޔާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރުދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިޙްތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށްވެސް ބުނެފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.