2022 ވަނަ އަހަރުގެ ދުވަސްތައް ގުނަމުންދާއިރު، ކުރިއަރާފައިވާ މި ޒަމާނުގެ އެންމެ ހިތި ހަގީގަތަކީ ގައުމުގެ ގިނަ ޒުވާނުން މަސްތުގެ ކަނޑަކަށް ޣަރަގުވަމުންދާކަމެވެ. އެ ރޮނގުން ބަލާއިރު، އަދުގެ ގިނަ ޒުވާނުންނަކާ އަދުހަމް އަހުމަދު ރަޝީދަކާ ވެސް މާބޮޑު ތަފާތެއް ނެތެވެ. އުމުރުން 18 އަހަރު ނުވަނީއްސުރެ މަސްތުވާތަކެތީގެ އަވާގައި ޖެހި އުޅުނު އަދުހަމާ އެހެން ގިނަ ބަޔަކާ ތަފާތުވަނީ އޭނާ އެކަމާ ދުރަށްދާން މަސައްކަތްކުރި ކަމެވެ. ނަމަވެސް މަސްތުވާތަކެއްޗާ ދުރަށް ދާން އޭނާ އަޅާނެ ފިޔަވަޅަކީ ކައްޗަށް އެޅޭ ފިޔަވަޅަކަށްވެ އޭނާގެ ހަޔާތް ބަރުބާދުކޮށްލާނެ ފިޔަވަޅެއް ކަމެއް ހުދު އަދުހަމަކަށް ވެސް އޭރު ނޭނގެއެވެ.

2021، މޭ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއަށްފަހު އެ ކުށުގެ އަބަދު ތަންފީޒު ކުރަމަށް މިއަދު ޖަލުގެ ތޭރިތަކުގެ ތެރޭގައި ރެއާ ދުވާލު ގުނަމުންދާ އަދުހަމަށް މިއަދު އެކަން އިހުސާސް ކުރެވޭނެއެވެ. ބޮން ގޮއްވާލި މައްސަލާގައި ހައްޔަރުކުރުމާއެކު އޭނާއަށް ކުރެވުނީ ކުށެއްކަން އިހުސާސް ކުރެވި، ފުލުހުންނަށް ހުރިހާ ކަމެއް ތެދު ތެދަށް ކިޔައި ދިނުމަކީ އޭނާގެ ހަޔާތުން ޖަލަށް ހަދިޔާކުރަން ޖެހުނު ދުވަސްތައް މަދުވި ކަމެކެވެ.

މިހާރު އުމުރުން 26 އަހަރުވެފައިވާ އަދުހަމް، މަސްތުވާތަކެއްޗާ ދުރަށް ދާން ނިންމީ މީގެ ފަސް އަހަރު ކުރިންނެވެ. އަމިއްލައަށް ފެނިގެން އޭނާ ކުރި މަސައްކަތަކީ ގަވައިދުން ފަރުޟު ފަސް ނަމާދު އަދާކުރުމަށް މިސްކިތަށް އަރަން ފެށުމެވެ. ނަމާދު ކުރަން ފެށުމުން އޭނާގެ މަގްސަދާ އެއްގޮތަށް މަސްތުވާތަކެއްޗާ ދުރުވި ނަމަވެސް، ވަދެވުނީ އެއަށްވުރެ ބޮޑު އަނދިރިގަނޑެއްގެ ތެރެއަށެވެ. ހަރުކަށި ފިކުރަށް އަދުހަމް ލެންބުމަށްޓަކައި އޭނާއަށް އެންމެ ފުރަތަމަ ދައުވަތު އެރުވީ މިސްކިތުން ދިމާވި ކުރީގެ ރައްޓެއްސެކެވެ.

މާލެ ސިޓީ، 15 އޭޕްރިލް 2021: ރޯދަ މަހުގެ ތެރޭ މާލޭ މިސްކިތެއްގައި މީހުން އަޅުކަން ކުރުމުގައި -- ފޮޓޯ: މުހައްމަދު އަފްރާހް | ޖަޒީރާ

"އިސްލާމް ދިނަށް" ވެއްދުމަށް ކަމަށް ބުނެ ލިބުނު ދައުވަތަކީ އަދުހަމް ހަރުކަށި ފިކުރަށް ލެނބުމުގެ ފެށުމެވެ. ޖަމާއަތުގައި ނަމާދުކޮށް ނިމުމުން، މިސްކިތްތަކަށް އަރާ "ސުންނަތް" ދަސްކުރާ ކްލާސްތަކުގައި އަދުހަމް ބައިވެރިވާން ފެށީ އެހިސާބުންނެވެ. އަދި ހަރުކަށި ފިކުރަށް ވާގިދޭ އެކި އެކި ލިޔުންތަކާއި ފޮތްތައް ކިޔުމުން ޑިމޮކްރަސީއަކީ ރަނގަޅު އެއްޗެއް ނޫން ކަމަށާއި، ﷲގެ ހުކުމުން ބޭރުން ހުކުމް ކުރާ މީހުން ތޯޢޫތުން ކަމާއި، އެފަދަ މީހުންނާމެދު ރުޅިވެރިކަމާއި އަދާވާތްތެރިކަން ބާއްވަން ޖެހޭނެ ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ.

އަދުހަމް ހަރުކށި ފިކުރަށް ވާގިދޭ މީހަކަށް ބަދަލުވި ގޮތާއި، އެހެން އިންސާނެއްގެ ފުރާނަ ނަގާލަން މަސައްކަތްކުރާ ހިސާބަށް ކަންތައް ދިޔަގޮތް އޭނާ ވަނީ ފުލުހުންނަށް ދިން ބަޔާނުގައި ތަފްސީލުކޮށް ކިޔައިދީފައެވެ. އެކި އެކި ލިޔުންތަކާއި، ފޮތްތަކާއި، ޓެލެގްރާމްގެ އެކި އެކި ގްރުޕްތަކާއި މިސްކިތުން ދިމާވި އެ ފިކުރުގެ މީހުންނާއި، އެކަމުގައި އިސްކޮށް އުޅޭ މީހުންގެ ކިބައިން އަދުހަމް ދިޔައީ ދީނުގެ ކަންކަން އޮޅުންފިލުވަމުންނެވެ. އެ ފިކުރުގެ މީހުންގެ ފަރާތުން ލިބޭ އެއްވެސް އިލްމެއް ކަށަވަރުކުރަން އަދުހަމް ރާއްޖޭގެ އެއްވެސް ދީނީ އިލްމުވެރިއެއް ކައިރިއަށް ގޮސްފައި ނުވަނީ ރާއްޖޭގައި އުޅޭ ހުރިހާ ދީނީ އިލްމުވެރިންނަކީ ޑިމޮކްރަސީ ތެރޭގައި އުޅޭ މީހުން ކަމަށް ދެކިގެންނެވެ.

އަދުހަމާއެކު ހަރަކާތްތެރިވި މީހުންގެ ތެރެއިން އަމަލީގޮތުން އިސްކޮށް ހަރަކާތްތެރިވި މީހެއް ކަމަށް އޭނާ ބުނެފައި ވަނީ ތަސްލީމް އަހުމަދެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭ ކަމާއި، އެމަނިކުފާނުގެ ލޭ ހުއްދަވާނެ ކަމަށް ބުނެ އަދުހަމާ ވާހަކަދެއްކީ ވެސް ތަސްލީމް ކަމަށް އޭނާ ބުނެއެވެ. އަދުހަމް ބޭނުންކޮށްގެން ބޮމުގެ ހަމަލާއެއް ދިނުމުގެ ވާހަކަ ދައްކަން ފެށީ ތަސްލީމުގެ ނަސޭހަތާއި، ހަރުކަށި ފިކުރަށް ވާގިދޭ އެހެނިގެން މީހުންގެ ވާހަކަތައް އަޑުއަހަމުން ދިޔަ އަދުހަމްގެ ސިކުނޑި ދޮވެލިތާ ހަތަރު އަހަރު ފަހުންނެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލާފައި

ހަތަރު އަހަރު ވީއިރު އޭނާހުރީ ޖާނުން ފިދާވެގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނުމުން، އެއްވެސް އިތުރު ސުވާލެއް ނުކޮށް، އެއްވެސް ފަސްޖެހުމެއް ނެތި އަމިއްލަ ފުރާނަ ގުރުބާންކޮށްގެން އެކަން ކުރާށެވެ. އެއީ އޭނާ ނިސްބަތްވާ އައިއެސް ޖަމާއަތުގެ މީހުން ބާރުއަޅާ ކަމަކަށް ވެފައި، ﷲއަށްޓަކައި ޖިހާދުވުން ކަމަށް އޭނާއަށް ގަބޫލު ކުރެވިފައި ވާތީއެވެ.

އަދުހަމްގެ އިތުރުން ގިނަ ބަޔަކު ހިމެނޭހެން ހަމަލާ ރާވާ، އިންތިޒާމް ކުރުމަށްފަހު، ރައީސް ނަޝީދު އަވަހާރަކޮށްލަން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުންގެ ގެކޮޅު، މ. ޔާގޫތުގޭ ކައިރީގައެވެ. ބޮން ތައްޔާރުކޮށް، ހަތަރު ދުވަސް ވަންދެން ފާރަލައިގެންވެސް އެކަން ކާމިޔާބު ނުވުމުން ދެން މިސްރާބު އަނބުރާލީ އެމަނިކުފާނު ހެނދުނު ކަސްރަތު ކުރައްވަން ނިކުމެވަޑައިގަންނަވާ ގަޑީގައި އެކަން ކުރުމަށެވެ. އެގޮތުން މެރީ ބްރައުން ކައިރީގައި ބޮން ހަރުކޮށްފައި ހުރި ސައިކަލު ބައިންދައިގެން ގޮއްވާލަން ވެސް މަސައްކަތް ކުރިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ރޭވުން ކާމިޔާބުވީ ގ. ކެނެރީގެ ކައިރީގައި ބޮން ހަރުކުރި ސައިކަލު ބައިންދައިގެން ގޮއްވާލަން އުޅުނު ދެވަނަ ދުވަހުއެވެ. އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު އަވަހާރަކޮށްލެވޭ ގޮތެއް ނުވިއެވެ.

ފޮޓޯއިން: ބޮންގޮވި ސަރަހައްދު ބަންދުކޮށްފައި، ބޮންގޮވުމުގެ ސަބަބުން ކުރީގެ ރައީސް އަދި މިހާރުގަ މަޖިލީހުގެ ރައީސް، އަދި ބޮޑީގާޑުންނާއި އާނމުން ހިމެނޭހެން 5 މީހަކަށް އަނިޔާވެފައި ވާއިރު މި ހަމަލާގެ ސަބަބުން ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭންފަށާފައި-- 7 މެއި 2021

 

އަދުހަމަށް ކުރެވުނު ކަމުގެ ބޮޑުކަން އޭނާއަށް އިހުސާސްވީ އެކަން ކުރިފަހުންނެވެ. ކުރިން ރާވާފައި އޮތްގޮތުން ބޮން ގޮވުމުން އޭނާވެސް އެ ސަރަހައްދުގައި އެހީތެރިއެއް ގޮތުގައި ހަރަކާތްތެރިވާނީއެވެ. ނަމަވެސް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރޭކާލާ، އަދުހަމް މަސައްކަތް ކުރީ އެ ސަރަހައްދުން ފިލާށެވެ. އޭނާގެ ހިތަށް ވެރިވި ބިރުވެރިކަމަކީ، އޭނާ އަތުލައިގަތުމަށް ފުލުހުންނަށް ފަސޭހަވި އެއްކަމެވެ.

އަދުހަމް އަތުލައިގަނެވި، އޭނާ ކުރި ކުށަށް އިއުތިރާފު ވުމަކީ މި މައްސަލާގައި ބާކީ ތިބި މީހުން ދެނެގަތުމަށް ބޮޑު އެހީއަކަށް ވެގެން ދިޔަ ކަމެކެވެ. މިއަދު އަދުހަމަށް ހެޔޮ ވިސްނުން ލިބި، އޭނާއާއެކު އުޅުނު ކޮންބައެއްކަން ކިޔައިދިނުމަކީ މި މުޖުތަމައުގައި ތިބި ހަރުކަށި ފިކުރަށް ވާގިދޭ އެތައް ބަޔަކު ހުއްޓުވުނު ކަމެކެވެ. އެހެން ނަމަވެސް ކަންބޮޑުވާން ޖެހޭ ކަމަކީ، ޖާނުން ފިދާވެގެން ޓެރަރިސްޓް ހަމަލާއެއް ދޭން އަންގައިފިނަމަ، އެއްވެސް އިތުރު ސުވާލެއް ނުކޮށް އެކަން ކުރަން ތައްޔާރަށް ތިބި އެތައް ހާސް ބަޔަކު އަޅުގަނޑުމެންގެ މުޖުތަމައުގައި އަދިވެސްތިބި ކަމެވެ.

މި އަދުހަމް އަތުލައިގަނެވިއްޖެއެވެ. ނަމަވެސް މުޖުތަމައުގައި އެފަދަ ކިތައް އަދުހަމް ތިބޭނެ ހެއްޔެވެ؟ ކައްޗަށް އެޅޭ އެންމެ ފިޔަވަޅަކުން ހަރުކަށި ފިކުރު ތެރެއަށް ވަދެވި، އެކަމަށް ގެއްލޭނީ ކިތައް އަދުހަމް ހެއްޔެވެ؟

13
8
1
4
1

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ނަޝީދު ލައިލާ ވަރިކުރީތަ؟ ކުރީގެ އަނބިކަބަލުންނޭ ލިޔެފަ އޮތީމަ.

ކޮމެންޓް

Your email address will not be published.