ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަނބިކަނބަލުންނާ މުހާތަބު ކުރެއްވީ އެންމެ ލޯބިވާ ނަމުން ކަމަށާއި، އެކަލޭގެފާނު ދެއްކެވި ނަމޫމާއާ އެއްގޮތަށް އުޅެން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު މިހެން ވިިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ފޯރަމްގައި ”އެންމެ ހެޔޮ އިންސާނާގެ ހަޔާތްޕުޅުގައި އިޖުތިމާއީ ގުޅުން" އެ މައުޟޫއަށް ތަގްރީރުކުރައްވަމުންނެވެ.
މި މައުޟޫއަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގުރުއާނުގައި ބާވާލައްވާފައިވާ ހުރިހާ ކަންތައްތަކެއް ކީރިތި ރަސޫލާ ﷺ ވަނީ އަމަލުފުޅުން ދައްކަވައި، އަދި ފަސޭހައިން އެނގޭ ގޮތަށް މީސްތަކުންނަށް ކިޔައިދެއްވާފައިކަމަށެވެ. އަދި އެކަލޭގެފާނު ގެންނެވި ޝަރީއަތަކީ އެއީ އެންމެ ފަހުގެ ރިސާލަތުކަމަށާއި އެއްވެސް އުނި އިތުރުކަމެއްނައިސް މި ޝަރީޢަތް ގިޔާމަތާ ހަމައަށް ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ.
ކީރިތި ރަސޫލާ ﷺ ގެނެސްދެއްވި ރިސާލަތު މީސްތަކުންނާހަމައަށް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ހައްޖަތުލް ވަދާއުގައި އެކަލޭގެފާނު މީސްތަކުންނާ މުހާތަބުކޮށް ދެއްކެވި ޝަރީއަތާގުޅޭ ވާހަކަ މިނިސްޓަރު ވަނީ ކިޔައިދެއްވާފައެވެ. އަދި ކީރިތި ގުރުއާނުގައި އެކަލޭގެފާނާ ގުޅޭ ގޮތުންވާ ވާހަކަތަކަށް ބައްލަވާލައްވަމުން ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންނަށް ވާ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނުގައި އަހްލާގަށް ވަރަށް މަތިވެރިކަމެއް ދެއްވާފައިވާއިރު ކީރިތި ރަސޫލާ ﷺ އަކީ އެންމެ ރިވެތި އަހްލާގުގެ ވެރިޔާކަމަށްވެސް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންސާނުން މިނެކިރާ މީޒާނުގައި އެންމެ ބަރު އެއްޗަކަށް ވާނީ ރިވެތި އަހްލާގުކަން ފާހަގަކުރައްވާ މީސްތަކުންގެ ތެރެއިން އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއް ސަބަބަކީވެސް ރިވެތި އަހްލާގުކަމަށެވެ.
ކީރިތި ރަސޫލާ ﷺގެ ހަޔާތްޕުޅަށް ބައްލަވާލައްވަމުން އެކަލޭގެފާނު ރިވެތި އަހްލާގުގެ ސިފަތަކުން ޒީނަތްތެރިކޮށްދެއްވާތޯ ދުއާކުރައްވާކަމަށް ވިދާޅުވަމުން މިނިސްޓަރު ޒާހިރު ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ރިވެތި އަހްލާގު ލިބިގަތުމަށް ވާރިދުވެފައިވާ ދުއާތަކަށް ބައްލަވާލައްވާފައެވެ.
ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ދައްކަވަމުން އެކަލޭގެފާނު އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި އެކިކަންކަމުގައި އަނބިއަނބި ކަނބަލުންނާ މަޝްވަރާކުރައްވާކަން ފާހަގަކުރެއްވިއެވެ. ހަމައެގޮތަށް އަނބިއަނބި ކަނބަލުންނަށް އެންމެ ލޯބިވާ ނަމުން މުހާތަބް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މިކަންތައްތަކަށް ބައްލަވާލައްވާ، އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ހަޔާތްޕުޅަށް ވިސްނައި އެކަލޭގެފާނު ކަންތައް ކުރެއްވިގޮތަށް ކަންކަން އެބަކުރެވޭތޯ ވިސްނާލަން ޖެހޭކަމަށެވެ. އެގޮތުން މީސްތަކުންނަށް އޯގާތެރިވުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި، މިކަންކަމަށް ވިސްނައި، އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހޭކަމަށާއި އެގޮތަށް އަމަލުކޮށް އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް އުޅެން ޖެހޭކަމަށް ވިދާޅުވިއެވެ.