ހުޅުމާލޭގެ ރެސްޓޯރަންޓެއްގައި ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލައިފިއެވެ.
މި މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓުގައި ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޝަމީމް، 29އ އެވެ. އަނިޔާ ލިބުނު ޝަމީމު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.
އޭނާގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އޭނާ މަރާލިކަމުގެ ތުހުމަތުގައި އެ ރެސްޓޯރެންޓުގައި ކައްކާއަކަށް އުޅުނު ޕާކިސްތާނުގެ، އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު، ފިލައިގެން އުޅެނިކޮށް ހުޅުމާލޭ ފޭސް2 ގެ އަތިރިމަތިން އެރޭ ދަންވަރު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ބަންދަށް 15 ދުވަސް ޖަހާފައެވެ.