ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަ ގޮތަކަށް 2017 ވަނަ އަހަރު މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރެއިން ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ދެ މީހެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޕީޖީން ވަނީ ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެ ހަ މީހުންނަކީ:
- ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު
- މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް
- ގދ. ގައްދޫ ސިންދުބާދުގެ، މުހައްމަދު ދިފްރާން
- މ. ކުދެހިގެ، ޙަސަން ޝިފާޒު
- މ. ތާއިފް، އިސްމާޢީލް ރަޝީދު
- މ. ކޮޅުފުށި، އީސްޓް، ޙުސައިން ޒިޔާދު
ނަމަވެސް އެ ހަ މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ހުކުމް ކުރީ ހައިޝަމްއާއި ޒިހާންގެ މައްޗަށް އެކަންޏެވެ. ބާކީ ތިބި ހަތަރު މީހުން ވަނީ ދައުވާތަކުން ސަލާމަތްވެފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މިމައްސަލައިގައި ސަލާމަތްވި 4 މީހުންގެތެރެއިން 2 މީހެއްގެ މައްސަލަ މިހާރު ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ. ޕީޖީން ހައިކޯޓުގައި އިސްތިއުނާފް ކުރީ ކުށް ސާބިތު ނުވެ ދޫވި މީހުންގެތެރެއިން، ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ތާއިފް, އިސްމާއީލް ރަޝީދުގެ މައްސަލައެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދިފްރާންއާއި އިސްމާއީލް ރަޝީދުގެ މައްޗަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅި, ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް އެކޯޓުން ނިންނި ނިންމުުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ޒިޔާދާއި ޝިފާޒުގެ މައްސަލަ އިސްތިއުނާފު ނުކުރީ ކުށް ސާބިތުވާ ވަރަށް ހެކިބަސް ލިބިފައިނުވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދީ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ. ޔާމީން މަރާލީ އޭނާގެ މެޔާއި ކަރާށާއި އަދި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެއެވެ.