ކޮވިޑް-19 އިން އަރައިގަނެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މަސައްކަތުން ކަމަށާއި، އެހެން މީހުން އެކަމުގެ ކްރެޑިޓް ނަގަން ނޫޅުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.
ރޮޒައިނާ ވިދާޅުވީ ކޮވިޑުން އަރައިގަނެވުނީ ރައީސް ސޯލިހާއި އެމަނިކާނުގެ ކެބިނެޓްގެ އިތުރުން އެކި ދާއިރާތަކުގެ ޕްރޮފެޝަނަލް މީހުންނާއެކު ރެއާ ދުވާލު ކުރި މަސައްކަތުން ކަމަށެވެ. އަދި ބޯޑަރު ބަންދުކުރަން ޖެހުނު ވަގުތު ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވަންވީ ވަގުތު އައިމަ ހުޅުވީކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަން ކޮށްފައި ވަނީ ވަކި މީހެއްގެ ޕްރެޝަރަކުން ނޫން ކަމަށެވެ.
ކޮވިޑުން އަރައިގަތުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ވަގުތު ކޮވިޑަކީ އާދައިގެ ބައްޔެއް ނޫން ކަމަށާއި، މިލިއަނުން މީހުން މަރުވަމުން ދިޔަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެދުވަހު ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް ދެކިގެން އަޅާނުލާ ތިބިނަމަ މިއަދު މިއޮތް ހާލަތު ނޯންނާނެ ކަމަށެވެ. އަދި ކޮވިޑަކީ އާދައިގެ ބައްޔަކަށް ވީ ވެކްސިނާއެކު ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ރާއްޖެގެ ރައްޔިތުންނަށް ވެކްސިން ލިބުނީވެސް ހަމަ ރައީސް ސޯލިހް ކުރެއްވި މަސައްކަތުން ކަމަށެވެ.
މާދަން ބޯޑަރު ހުޅުވާކަން އެނގޭ އިރަށް މިއަދު މަޖިލީހަށް މައްސަލައެއް ލާނެ، ބޯޑަރު ހުޅުވާށޭ ކިޔާފަ. ދެން އެވީ މަޖިލީހުން ކުރި ކަމަކަށް ވާން! މީ ކަން ހިނގި ގޮތަކީ
އޭނާ ވިދާޅުވީ މިއަދު ކޮވިޑުގެ ހާލަތުން އަރައިގަނެވުނީމައި އޭގެ ކްރެޑިޓް ވެސް ނަގަން އުޅެނީ އޭރު ކުރި ކޮންމެ ކަމަކަށް ޖަދަލު ކުރި މީހުން ކަމަށެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރެޝަރުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.