މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ ޕީއެންސީ ގެ ކައުންސިލުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ޙުސައިން ގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމައްސަލަ ބެލުމަށްފަހު ޕީ.އެން.ސީ ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމި ކަމަށެވެ. އެގޮތުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އަޙްމަދު ޙުސައިން ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކި ކޮށް، ޕާޓީގެ ޢާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
މާފަންނުކޮޅުގައި ހުރި ގެއެއްގެ ތަޅުންގަނޑުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެރޭ އެވެ. ފުލުހުން ބުނިގޮތުގައި ހޯދާފައިވަނީ ހެރޮއިންއެވެ.