އަލްހާން ފަހުމީ--- ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" އިން ޕޮންޒީ ސްކީމަކާ އެއްގޮތްވާ ކަހަލަ މުއާމަލާތްތަކެއް ހިންގަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ޕޮންޒީ ސްކީމަކީ އާންމުން ލައްވާ އިންވެސްޓު ކުރުވައި، ކުރިން އިންވެސްޓު ކުރާ މިހާ އަށް އޭނާގެ ފަހުން އިންވެސްޓު ކުރި މީހުން އަތުން ލިބޭ ފައިސާ ދީ މަކަރުހަދާ ސްކީމެކެވެ. މި ސްކީމަށް ފައިސާ އިންވެސްޓު ކުރާ ފަރާތްތަކަށް ހީވެފައި އޮންނާނީ އެ ފައިސާ އަކީ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ލިބޭ ޕްރޮފިޓް ކަމަށެވެ. މިފަދަ ސްކީމްތަކުގައި އިންވެސްޓު ކުރާ ފައިސާ އިން ކުރީގެ އިންވެސްޓަރުންނަށް ދިނުމަށް ފަހު ބާކީވާ ބަޔަކީ އެ ކަމެއް ހިންގާ މީހުންނަށް ލިބޭ ފައިސާއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ ކަމެއް ހިނގާ ކަމުގެ މައުލުމާތު ލިބި އެކަމުގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމްއެމްއޭއިން މިކަން އާންމުންގެ ސަމާލުކަމަށް ގެނައުމުންނެވެ. އޭގެ ފަހުން ބީއެމްއެލް އިން ވަނީ ވަކި ސަބަބެއް އެންގުމެއް ނެތި އަލްހާންގެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފައެވެ.

އެމްއެމްއޭ އާއި ފުލުހުން މިކަމުގައި ވަކި ކުންފުންޏެއްގެ ނަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް އަލްހާން އާއި އޭނާގެ ޓީމު ވަނީ ފާޅުގައި ނިކުމެފައެވެ. އަދި އެމްއެމްއޭ އާ ބީއެމްއެލްއާ ދެކޮޅަށް ދައުވާވެސް ކުރާނެ ކަމަށް ބުނެފައިވާއިރު، އަދިވެސް އެ ކުންފުނިން އަންނަނީ އިންވެސްޓަރުން ހިފެހެއްޓުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *