މިނިސްޓަރ މަޙްލޫފް (ކ) އަދި ޕީޖީ ޝަމީމް (ވ): ޖަޒީރާ ގްރެފިކްސް

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މަހުލޫފްގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ އެމްއެމްޕިއާރްސީ މެދުވެރިކޮށް މިދިޔަ ސަރުކާރުން ހިންގި ޚިޔާނާތުގެ މައްސަލަގެ ތެރެއިންނެވެ. އެގޮތުން އޭރު މަހުލޫފް މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހުގައި ނެގި ވޯޓެއްގައި އޭރުގެ ސަރުކަރާ އެއްކޮޅަށް ވޯޓު ދިނުމަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އަތުން 33،000 ޑޮލަރު ނެގި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމަށް ފަހު އެ ކޯޓުން މި މަހުގެ 1 ވަނަ ދުވަހު އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން އެކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކިތަކަކީ އެއްވެސް ބުރަދަނެއް ނެތް ހެކިތަކެއް ކަމުން މައްސަލަ ކުރިއަށް ގެންދިޔަޔަސް ސާބިތުނުވާނެ ކަމަށް ނިންމާފައެވެ.

މި މައްސަލާގެ އިސްތިއުނާފުގައި ހައިކޯޓުން މިއަދު ގޮތް ނިންމާފައިވާއިރު، އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ ގޯސްކޮށް ކަމަށެވެ. އަދި މައްސަލަ އަލުން ބެލުމަށް އަންގާފައިވެއެވެ.

ހައިކޯޓުން ކުރި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ މަހުލޫފާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިތަކަކަށް ރިއާޔަތްކުރުމަކާ ނުލާ ކަމަށެވެ.

މި މައްސަލަ ބަލަން ފެށުނީއްސުރެއް ދިފާއުގައި މަހުލޫފް ވިދާޅުވެފައި ވަނީ އޭނާއަށް ލިބިފައިވާ ފައިސާ އަކީ ޑޮލަރު ގަތުމަށް ކުރި ސައްހަ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށެވެ. އަދި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އޭނާ އާ އަދީބާއި ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ ޗެޓްލޮގުތަކަކީ މަޖިލީހުހގައި ނެގި ވޯޓަށް ފަހުގެ ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުގެ މައްސަލަ ބެއްލެވި ގާޒީ ވެސް އޭރު ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ދައުލަތުން ބުނަނީ ދައުލަތުން ބުނަނީ މަހުލޫފަށް ފައިސާ ދިނީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ ޗެކަކުން ކަމަށެވެ. އަދި ޑޮލަރު ގަތްކަން ސާބިތުކުރަން މަހުލޫފް ދައްކަވަނީ ސައްހަ ރިސިޕްޓު ތަކެއްނޫން ކަމަށް ވެސް ދައުލަތުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *