ގދ.ތިނަދޫ

ގދ. ތިނަދޫ 1966 ވަނަ އަހަރު އެ ރަށު މީހުން ބޭލި ހާދިސާގައި އަނިޔާ ލިބުނުކަމަށް ބުނާ މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރެވޭ ގޮތަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން ބާއްވާ ޕަބްލިކް ހިޔަރިންތައް މިއަދު ފަށައިފިއެވެ.

މިއަދު އެ ހިޔަރިންތައް ފަށާފައި ވަނީ ތިނަދޫގައެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ހެނދުނު 9ން ފެށިގެން މެންދުރު 12:30ށް އަދި މެންދުރު 14:30ން ފެށިގެން 18:00ށް މި ހިޔަރިންތައް ކުރިއަށްދާނެއެވެ.

މިމައްސަލައާ ގުޅިގެން މާލޭގައި ބާއްވާ ޕަބްލިކް ހިޔަރިންގ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ތިނަދޫއިން މީހުން ބޭލުމަކީ ދައުލަތުގެ އިދާރާއަކުން ނުވަތަ އިދާރާއެއްގެ އިސް ހިންގުންތެރިޔަކު ރާވައިގެން ހިންގި ކަމެއް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގައި އާންމު އަޑުއެހުންތައް ބާއްވަން ނިންމައި އެ އޮފީހުން އެކަން އިއުލާން ކުރީ މިދިޔަ މަހުއެވެ. އެގޮތަށް ނިންމީ އެ ހާދިސާގައި އަނިޔާވި ފަރާތްތަކަށް އެ ވާހަކަ އާއްމުކޮށް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށާއި، އެ މައްސަލައިގެ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ބޭނުމުގައި ކަމަށް އެ އޮފީހުން ބުނެއެވެ.

އެ އަޑުއެހުންތަކުގައި ބައިވެރިވުމަށް ނަންނޯޓުކުރުމުގެ އިތުރަށް އެ އޮފީހުގެ ފޯނަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށްވެސް ބަޔާން ދިނުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތިނަދޫގައި ހިނގައިދިޔަ ހަމަނުޖެހުންތަކަކީ މިވަގުތު އޮމްބަޑްސްޕާސަންގެ އޮފީހުގައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލައަކީ ދެކުނުގެ ބައެއް އަތޮޅުތަކެއް ރާއްޖޭގެ ޖުމްހޫރިއްޔާއިން ވަކިވެ، ވަކި ގައުމެއް އުފައްދައި މިނިވަންކަން އިއުލާންކުރުމާއި ގުޅިގެން ހިނގައިދިޔަ ހާދިސާ ތަކެކެވެ. އެ މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ތިނަދޫ ކައުންސިލުންވެސް އަދި އާންމު ބައެއް ފަރާތްތަކުންވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ. ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ފަސް ކަމަކަށް އެދިފަ އެވެ.

އެއީ:

މީހުން ރަށުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުމަށް

ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް

ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމަށް

ތިނަދުއިން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުމަށް

ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ ގަތުލުއާންމެއްގެ ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދުނުމަށް އެދުމަށް

މާލޭގައި ހުރި ވެލާނާގޭގެ ނަން "ގދ. ތެނަދޫ ވެލާނޭގެ" ގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދުމަށް

އެ މައްސަލައިގައި 1962 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު، މިނިވަންކަން އިއުލާންކުރި އަތޮޅުތަކުގެ މައި ރަށްކަމުގައިވާ ތިނަދުއަށް ވަޑައިގެންކަމަށް ތާރީހީ ލިޔުންތަކުގައިވެއެވެ. އޭގެ ފަހުން އެރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދުއިން މީހުން ބާލުވާފައެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، އާންމުންނާއި ދެކޮޅަށް ސިފައިން ލާއިންސާނީ އަމަލުތަކެއް ހިނގާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ރަށުން ބޭލި ތިނަދޫ މީހުން ފަހުން ހުވަދު އަތޮޅާއި ރާއްޖޭގެ އެކި އެހެން ރަށްތަކުގައި ދިރިއުޅުމަށްފަހު ވަނީ އަލުން ތިނަދޫގައި އާބާދުވެފައެވެ. ނަމަވެސް، އަލުން އާބާދުވީއިރު، މުޅި ރަށް އަލުން ހަދަން ޖެހުނުކަމަށް އެ ފަރާތްތަކުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *