"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ބާއްވައިފި އެވެ.

މިއީ މި ފަހުން ރާއްޖޭގައި މިހާ ކުލަގަދަކޮށް ކުޅިވަރު އެވޯޑް ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވާ އެވޯޑް ހަވާލުކޮށްދެއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ލިބުނީ ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އަދި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަށެވެެ.

ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑުގައި ސާއިދާ ވާދަކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ވޮލީ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އެވެ. ޒަޔާން އަށް ދެވަނަ ލިބުނު އިރު، ތިންވަނަ މަގާމު ހޯދީ އެޑަމްއެވެ. ސްޕޯޓްސްވުމަން އޮފް ދި އިޔާ އެވޯޑުގައި ނަބާހާއާ ވާދަކުރީ އޭނާގެ އެއްމާބަނޑު ދައްތަ ފާތިމަތު ނަބީހާ އަބްދުއްރައްޒާގާއި ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ. ނަބީހާއަށް ދެވަނަ ލިބުނު އިރު، ދީމާއަށް ލިބުނީ ތިންވަނައެވެ. އެ ހުރިހާ މަގާމުތަކަށްވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބިވަޑައިގެންނެވި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ޒާހިދު އަޙްސަން ރަސުލްއާއި ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސައާއި ސަޢޫދީ ޢަރަބިއްޔާގެ ވައިސް މިނިސްޓަރ އޮފް ސްޕޯޓްސް ބަދުރު އަލް ޤާޟީގެ އިތުރުން ރާއްޖެއިން ޙުސައިން ޢަފީފާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް އަޙްމަދު ނަޒީރަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ލައިފްޓައިމް އެވޯޑް ލިބިވަޑައިގެންނެވި 15 ބޭފުޅުންނާއި ސްޕޯޓް އައިކަން އެވޯޑް ލިބިވަޑައިގެންނެވި 16 ބޭފުޅުންގެ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް ރާއްޖެއާ އަދި އެނޫންވެސް މުޖުތަމަޢުތަކަށް ހެޔޮބަދަލުގެނެސްދިނުމަށް މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ޙަފްލާއަށް ވަޑައިގެންނެވި، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށްދޭ އެވޯޑެކެވެ.

މީގެ އިތުރުން ސްޕެޝަލީ އޭބުލްޑް އެތްލީޓް އޮފް ދަ އިޔަރ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއަރ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއަރ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
މި ޙަފްލާގައި މޯސްޓް ޕްރޮމިސިންގ އެތުލީޓް އޮފް ދި އިއަރ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ އެވޯޑް ޙަފްލާއެވެ. މި ޙަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.