ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ގއ. ކޮނޑޭ ކައުންސިލާއެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ކޮނޑޭ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ކޮނޑޭ ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ ކޮނޑޭއަކީ ބިން ބޮޑު ޖާގަ ތަނަވަސް ރަށެއް ކަމަށެވެ.
ކޮނޑޭ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ކޮނޑޭ ވިލިނގިލި ހިމެނޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެރަށަކީ އަތޮޅު އެހެން ރަށްތަކާ ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ވަރަށް ގިނަ މަންފާތަކެއް ހާސިލު ކުރެވޭނެ ރަށެއް ކަމަށެވެ. އަދި ސޮއިކުރި އެއްބަސްވުމުގެ ދަށުން އަވަސް މުސްތަގުބަލެއްގައި ބިންތައް ކުއްޔަށް ދޫކޮށް، ލޯކަލް އަދި ބޭރުގެ އިންވެސްޓަރުންނަށް ރަށަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްޓީން ބުނީ އެ އެއްބަސްވުމަކީ ޓޫރިޒަމް މިނިސްޓްރީއާއި، ކައުންސިލްތަކާ ދެމެދު އޮތް ގާތްގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި ކޮނޑޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކައުްނސިލުން ބޭނުންވާކަން ހާމަވާ ކަމަށާއ، ބޭނުންވާ ތަޖުރިބާ ނެތް ކަމުގައިވީ ނަމަވެސް މަޑުނުކޮށް ފަތުރުވެރިކަމުގެ މަންފާ އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރަމުންދާކަން ހާމަވާ ކަމަށްވެެ.
އެ މިނިސްޓްރީން އިތުރަށް ބުނީ ފަތުުރުވެރިކަން ކުރަން ބޭނުންވާ ކޮންމެ މަސައްކަތެއްކޮށް، ކައުންސިލްތަކަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭން ޓޫރިޒަމް މިނިސްޓްރީ އަބަދުވެސް ތައްޔާރު ކަމަށެވެ.
ކޮނޑޭގައި ޓޫރިޒަމް އޭރިއާގެ ގޮތުގައި އެރަށުގެ ދެކުނު ފަރާތުން 4 ހެކްޓަރު ބިން ކަނޑާއަޅާފައިވާއިރު، އޭގެއިން ގެސްޓްހައުސްތަކަށް 2،000 އަކަފޫޓުގެ ބިން ހާއްސަކޮށްފައިވެއެވެ.