ޅ. ކުރެންދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމް އިން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅައިފިއެވެ.
ކުރެންދޫގެ ކައުންސިލް ރައީސަކު ހޮވުމަށް ބައި އިލެކްޝަން ބާއްވަނީ އެ ކައުންސިލްގެ ރައީސަކަށް ކުރިން ހުރި އެމްޑީޕީގެ ކައުންސިލަރ އިބްރާހިމް ސިމާއު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަންނަ މަހުގެ 26 ވަނަ ދުވަހު މި ބައި އިލެކްޝަން ބާއްވަން ހަމަޖައްސާފައިވާއިރު، އިންތިހބުގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަ ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މިހާތަނަށް މި އިލެކްޝަނުގައި ވާދަކުރާކަން ހާމަކޮށްފައިވާ އެމްޑީޕީން ނެރޭ ކެންޑިޑޭޓަކީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމް އެވެ. އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ވަނި އެތެރޭގެ އިންތިޚާބަކުންނެވެ. އެ އިންތިޚާބަށް ހުޅުވާލުމުން ކުރިމަތިލީ ނަސީމް އެކަންޏެވެ.
މީގެ އިތުރަށް ޕީޕީއެމް އިން މި ދާއިރާ އަށް ނެރެނީ ގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސް ކަން ކުރެއްވި އިސްމާއީލް މަދީހެވެ. ޕީޕީއެމް އިން ވެސް މަދީހު ހޮވާފައި މިވަނީ ޕްރައިމަރީ އަކަށް ހުޅުވާލައިގެންނެވެ. އެ އިންތިހާބަށް ކުރިމަތިލީ މަދީހު އެކަންޏެވެ.