100 އިންސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އިން ސަބްމެރިން ކޭބަލް ސިސްޓަމެއް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި މިވަނީ ސޮއިކޮށްފައެވެ. ހޯމަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮޖެކްޓާ ގުޅޭ އެގްރިމެންޓްގައި ސޮއި ކުރެއްވީ ރިލަޔަންސް ޖިއޯގެ ފަރާތުން ކުންފުނީގެ ރައީސް، މެތިއު އޫމެން އަދި އޯސީއެމްގެ ފަރާތުން ޗެއަރޕާސަން ރިޔާޟް މަންޞޫރެވެ.
މިހަފްލާގައި ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ވިދާޅުވީ މި ސޮއި ކުރި އެގްރިމެންޓާއެކު ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އަގުހެޔޮކޮށް އިންޓަރނެޓް ފޯރުކޯށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތައް މަގުފަހިވެގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން މިސަރަހައްދުގައިވާ ބައިނަލްއަޤްވާމީ ބޮޑެތި އިންޓަރނެޓް އެކްސްޗޭންޖްތަކާއި ދިވެހިރާއްޖެ ސީދާ ގުޅުވާލާނެ ކަމަށް މފައްޔާޒު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްގެ ސަބަބުން މިސަރަހައްދުގައިވާ ބައިނަލްއަޤްވާމީ ބޮޑެތި އިންޓަރނެޓް އެކްސްޗޭންޖްތަކާއި ދިވެހިރާއްޖެ ސީދާ ގުޅުވާލާނެ"
އޯސީއެމަކީ ރާއްޖޭގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ ކުރި އެރުވުމުގެ ގޮތުން އުފެއްދިފައިވާ ކުންފުންެޏެކެވެ. މިގޮތުން ކުންފުނީގެ އަމާޒުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހަލުވިކަމާއިއެކު ކުރި އެރުވުމަށް ހުރި ގޮންޖެހުންތަކައް ހައްލެއް ގެނައުމާއި އިޤްތިޞާދު ސިންދަފާތުކުރުމުގެ އަމާޒުތަކާ އެއްގޮތްވާގޮތުގެ މަތިން، އައި.ސީ.ޓީގެ ދާއިރާއިން އެކްސްޕޯޓް ކުރެވިދާނޭ ހިދުމަތްތަކާއި ޕުރޮޑަކްޓުތައް ދެނެގަނެ އެކަމަށް ބޭނުންވާނޭ އިންފުރާސްޓުރަކްޗާރ ޤާއިމްކޮށް، ޑޭޓާ އެކްސްޕޯޓް ފަދަ ބޭރު ފައިސާ ހޯދޭނެ އައު އިޤްތިޞާދީ ހަރަކާތަކެއް ފެށުން ފަދަ މަސައްކަތްތަކެވެ.
މި އަމާޒު ތަކަށް ވާސިލް ވުމުގެ ގޮތުން، އޯސީއެމް ގެ ފަރާތުން ރިލަޔަންސް ޖިއޯ ގްލޯބަލް ފައިބަރ ނެޓްވަރކް ގެ އިންޑިއާ-އޭޝިއާ-އެކްސްޕްރެސް (އައިއޭއެކްސް) ސަބްމެރިން ކޭބަލް ސިސްޓަމްގެ ބްރާންޗިންގ ޔުނިޓެއް ރާއްޖޭގައި ގާއިމުކޮށް، ސިންގަޕޯރ އާއި މުމްބައީގެ އިންޓަނެޓް ހަބްތައް މެދުވެރިކޮށް ދުނިޔޭގެ ބޮޑެތި ހަބްތަކާއި ދިވެހިރާއްޖެ ގުޅުވާލުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެއެޔެއްގައި ކުރަން މަސައްކަތްފަށައިގަތީއެވެ. މިއީ މިފަދަ މަސައްކަތެއް ދިވެހި ސަރުކާރަކުން އިސްނަގައިގެން ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.
އައި.އޭ.އެކްސް ކޭބަލް ސިސްޓަމަށް އިންވެސްޓްކުރުމަކީ، ސަރުކާރުގެ ނޫ އިޤްތިޞާދުގެ އަމާޒުތަކާއި ޑިޖިޓަލް ތަރައްޤީގެ މައިގަނޑު އަސާސުގެދަށުން އެއްވެސް ހުރަހަކާ ނުލާ ދިވެހިރާއްޖެ ޑިޖިޓަލީ ގުޅުވާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ޕްރޮޖެކްޓާ އެކު އައި.އޭ.އެކްސް ސަބްސީ ކޭބަލް ސިސްޓަމް މެދުވެރިކޮށް، ތަރޑް-ޕާޓީ ހަބްތަކަށް ބަރޯސާނުވެ، ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަރގްރޭޝަންތައް ހޯދޭނެކަމަށް އޯސީއެމްއިން މައުލޫމާތުދެއެވެ.
އައި.އޭ.އެކްސް ސިސްޓަމް އިންޑިއާގެ މުމްބާއީއިން ފެށިގެން އިރުމައްޗަށް ދާއިރު، ސީދާ ސިންގަޕޫރާ ގުޅުވައިދޭ ބްރާންޗްތަކުގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑްގައި އިތުރު ލޭންޑިންގްތައް ވެސް ހިމެނެއެވެ. އަދި ހަމައެހެންމެ މިކޭބަލް އިންޑިއާ-ޔޫރަޕް-އެކްސްޕްރެސް (އައި.އީ.އެކްސް) ސިސްޓަމާއި ވެސް ގުޅި، މުމްބާއީ އާއި މިލާން ގުޅުވައިދޭ އިރު، އިޓަލީގެ ސަވޯނާއިން، މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިފަށަށް އިތުރު ލޭންޑިންތައް ވެސް ހިމެނެ އެވެ. މި ބިޔަ ޕްރޮޖެކްޓް ނިމިގެން ދާއިރު، އިންޑިއާ، ޔޫރަޕް، ދެކުނު އިރުމަތީ އޭޝިއާ، އަދި ދިވެހިރާއްޖެވެސް ގުޅުވައިދީ އައި.އީ.އެކްސް އާއި އައި.އޭ.އެކްސް ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރގެ އެންމެ މުހިންމު އެއް ޑިވެލޮޕްމަންޓަށް ވެގެންދާނެއެވެ.
2023 ވަނަ އަހަރު ރާއްޖެއަށް ގުޅާލާނެކަމަށް ބެލެވޭ މި އައު ނިޒާމުގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓް ގޭޓްވޭގެ ނާޒުކުކަން ކުޑަކުރެވި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ވިލުންތެރިކަން އިތުރުވެގެންދާނެއެވެ. މީގެއިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރސް (އައިއެސްޕީ) ތަކަށް މި ކޭބަލް މެދުވެރިކޮށް ހެޔޮއަގުގައި ހަލުވި އިންޓަރނެޓްް ފޯރުކޮށްދެވޭނެ ނިޒާމު ޤާއިމް ވެގެން ދާނެއެވެ. އަދި ޑޭޓާ އާއި އިންޓަރނެޓަށް ސަރުކާރުން ކުރާ ޚަރަދު އިންތިހާއަށް ކުޑަވެ، އިންޓަރނެޓްގެ ކެޕޭސިޓީ ފާހަގަކޮށްލެވޭ ނިސްބަތަކުން އިތުރުކުރެވިގެންދާނެއެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން އާންމުރައްޔިތުންނަށް ހެޔޮއަގުގައި، ހަލުވި އަދި އިތުބާރުހިފޭ އިންޓަރނެޓު ލިބިގެން ދިއުމަަށް މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކްރަމުންދާ ފަރާތްތަކަށް ރިމޯޓް ވަރކިން ފުރުޞަތުތަކާއި، ވިޔަފާރިތަކަށް އެފިޝަންސީސް ހޯދުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓް-އަޕްތަކަށް އައު ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. ޑިޖިޓަލް އިޤްތިސާދަކަށް ވާސިލްވުމަށް ރާއްޖެ ކުރަމުން މިދާ ދަތުރުގެ މަންޒިލަށް ވާސިލްވުމަށް ބޮޑު ބާރަކަށް މި ޕްރޮޖެކްޓު ވެގެން ދާނެ ކަމަށް މިދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ޤަބޫލުކުރެވެއެވެ. އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުނދާ ހަލުވި އިންޓަރނެޓުގެ ޑިމާންޑާއި އެކަށީގެންވާގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލްކަން މި ޕްރޮޖެކްޓުން ލިބިގެން ދިޔުމަކީ، ދިވެހި ޒުވާނުންގެ ހުވަފެންތަކަށް އުންމީދީ ކުލަތައް ޖައްސައިދޭ ކަމެއްކަން ޔަގީނެވެ.