އަރުޝަދު ޚާލިދުގެ ޑްރަގް ނެޓްވޯކް: ޑްރަގް ވިއްކީ ޑިއުޓީ ބަހައިގެން ނިކުމެ

ރާއްޖެއަށް ޑްރަގް އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއް ކަމަށްވާ، ގދ. ހޯނޑެއްދޫ / އަލޯނާއަރުޝަދު ޚާލިދުގެ ނެޓްވޯކަކީ މުޅި ރާއްޖެއަށް މަޝްހޫރު ނެޓްވޯކެކެވެ. ގިނަ އަދަދުތަކުން ޑްރަގް އެތެރެކޮށް، ވިއްކަން އުޅެނިކޮށް އެކި ފަހަރުމަތިން ހައްޔަރުކުރި އެ ނެޓްވޯކުގެ ވާހަކަ ދިވެހި މީޑިއާއަށް އެތައް ފަހަރަކު އަރާފައި ވެއެވެ.

އެ ނެޓްވޯކާ ބެހޭ މާބޮޑެތި މައުލޫމާތުތަކެއް މީގެ ކުރިން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އިއްޔެ ބޭއްވި "މީޑިއާ އިވެންޓް"ގައި ފުލުހުން ވަނީ އަރުޝަދުގެ ނެޓްވޯކް އޮޕަރޭޓްކުރާ ގޮތް ހާމަކޮށްފައެވެ.

އަރުޝަދުގެ ނެޓްވޯކާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރީ 2020 ވަނަ އަހަރު ކުރީކޮޅެވެ. އެގޮތުން އޭރު އެތެރެކުރި ނުވަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އެ ނެޓްވޯކުން ހަރަކާތްތެރިވި ގޮތް ފުލުހުން ހޯދާފައި ވެއެވެ. އަރުޝަދު އިސްކޮށް ހުރެ، އަށް މީހަކު ގޮވައިގެން މަސްތުވާތަކެތި ވިއްކީ، ކޮންމެ މީހަކުވެސް ވަކި ކަމަކަށް ހާއްސަވެ ހުރެއެވެ.

އަރުޝަދާއެކު ގިނަ ބަޔަކު ހަރަކާތްތެރިވި، ކޮންމެ މީހަކަށް ވެސް ޒިންމާތަކެއް

ނެޓްވޯކުގެ އިސް ފަރާތެއްގެ ގޮތުގައި އަރުޝަދު ހަރަކާތްތެރިވިއިރު، މަސްތުވާތަކެތީގެ ވިޔަފާރިއާއި ފައިސާގެ ކަންކަން ބަލަހައްޓަނީ އޭނާއާއެކު ހަރަކާތްތެރިވި ގއ. ގެމަނަފުށީ/ސުރައްޔާ މަންޒިލް މުހައްމަދު ސިދުރަތެވެ. ގދ. ހޯނޑެއްދޫ/އިރުމަތީގެ އަހްމަދު ސުނެއިނު އަދި ގދ. ހޯނޑެއްދޫ/މެޑްރިޓްހައުސް އަހްމަދު ގިޔާސް އަކީ މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިސާ ބަލަހައްޓާ ފަރާތްތަކެވެ.

އެތެރެކުރާ މަސްތުވާތަކެތި ކުދިކޮށް ވިއްކުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ގދ.ހޯނޑެއްދޫ/ގުލޭނުރަންމާގެ އަލީ ޒުބެއިރު އަދި ލ.ކަލައިދޫ/މަތަރަސްމާގޭ ހުސެއިން ޒަހީނެވެ. އަދި މާލޭގައި މިތަކެތި ވިއްކުމަށް މަގުމަތީގައި ހަރަކާތްތެރިވަނީ މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އާއި މއ. ވައިލެޓްމާގެ އަސްލަމް ނާޒިމްގެ އިތުރުން ޅ. ނައިފަރު/މިސްކިތްދޮށުގެ އަހްމަދު އިމްސާހް އެވެ.

އަރުޝަދުގެ ޑްރަގް ނެޓްވޯކްގައި ހިމެނޭ މީހުން އޮންލައިންކޮށް ޝަރީއަތުގައި - ސްކްރީންޝޮޓް: މިހާރު

އަރުޝަދުގެ ނެޓްވޯކުން ރާއްޖެއަށް ޑްރަގް އެތެރެކޮށްފައި ލޯންޗަކުންނެވެ. ލޯންޗުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރީ އަރުޝަދު ބުނެގެން ކަމަށް އެ ލޯންޗުގައި ދިޔަ މީހާ ވަނީ ބުނެފައެވެ. އަދި އެ ދަތުރުގެ އަގުގެ ގޮތުގައި އޭނާއަށް 3 ލައްކަ ރުފިޔާ ލިބުނުއިރު، ދަތުރުކުރުމަށް ލޯންޗަށް ޕެޓްރޯލް އަޅާފައި ވަނީ ވެސް އަރުޝަދުގެ ހަރަދުގައެވެ.

ލޯންޗުން މަސްތުވާތަކެތި ބަލާ ދިޔައީ ލަކުޑި ބޯޓެއް ކައިރިއަށެވެ. އަދި އަރުޝަދު ފޮނުވި މީހަކު ގޮވައިގެން ގޮސް ދެ ބަސްތާ ނަގައިގެން މާލެއައިސް އެތަކެތި ހަވާލުކުރީ ޒުބެއިރުއާއެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި ލޯންޗުން ދިޔަ މީހާ ކުޅުނު ރޯލާ ބެހޭގޮތުން އޭނާ ފުލުހުންނަށް ބަޔާން ދިން ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެއީ މަޖުބޫރުކޮށްގެން ދީފައިވާ ހެކިބަހެއް ކަމަށް ބުނެފައެވެ. އެހެންކަމުން އެ ހެކިބަސް ބަލައިގެންފައެއް ނުވެއެވެ.

ވިޔަފާރި ކުރީ ރޭވުންތެރިކަމާއެކު، ޑިއުޓީ ބަހައިގެން އެކި މީހުން ނިކުތީ އެކި ގަޑީގައި

މާލެ ތެރޭގައި މަސްތުވާތަކެތި ވިއްކަން ޒަހީން ހަރަކާތް ވަނީ އަރުޝަދުގެ ނަމުގައި ނަގާފައިވާ އެއަރބްލޭޑް ބްރޭންޑުގެ ސައިކަލެއްގައެވެ. އެ ސައިކަލުގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ނެޓްވޯކުގައި ހިމެނޭ މީހުންގެ ނަމުގައި ނަގާފައިވާ އެއަރ ޓިކެޓްތަކެއް ވެސް ފުލުހުން ހޯދިއެވެ.

ނެޓްވޯކުގައި ހިމެނޭ ފަރާތްތަކުގެ ފޯނުން ކޮށްފައިވާ މުއާމަލާތްތަކަށް ބަލާލާއިރު، މަސްތުވާތަކެތި ވިއްކުމަށް ނިކުންނަންވީ ވަގުތުތައް ބަހާފައި ވެއެވެ. އެގޮތުން ކޮންމެ އަށް ގަޑިއިރަކުން ނުވަތަ ކޮންމެ ހަތަރު ގަޑިއަކުން ޑިއުޓީ ބަދަލުކުރާ ގޮތަށް ޝެޑިއުލެއް ހަދާ، ބަހާލައިގެން ވިޔަފާރި ކުރިއެވެ.

ތަންތަން ބަލާފާސްކޮށް، ގިނަ ހެކިތަކެއް ހޯދި

މިކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ދިރިއުޅޭ ތަންތަން ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފައެވެ. އެގޮތުން އަރުޝަދު ދިރިއުޅޭ މ. ފަންއަރި ގޭގެ އެޕާޓްމަންޓަކުންނާއި އަރުޝަދުގެ ވޮލެޓުގެ ތެރެއިން ފުލުހުން ވަނީ 167،765 ރުފިޔާ ހޯދާފައެވެ. އޭގެ އިތުރަށް އެ އެޕާޓްމަންޓުން ތިޖޫރީއެއްގެ ތަޅުދަނޑި ފެނުނުއިރު، އެއީ ހޯނޑެއްދޫގައި ހުރި ތިޖޫރީއެއްގެ ތަޅުދަނޑި ކަމަށް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް އަރުޝަދުގެ އެޕާޓްމަންޓުން ފެނުނު ތަޅުދަނޑިން ފުލުހުން ވަނީ ސުނެއިނާއި ގިޔާސް ދިރިއުޅޭ މ ޝަރަފްގޭގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީއެއް ހުޅުވާފައެވެ. ތިޖޫރީގެ ތެރެއިން 146،590 ޑޮލަރު އަދި 1.239،800 ރުފިޔާ ހޯދާފައިވާއިރު އެ އެޕާޓްމަންޓުން ވަނީ ފައިސާ ގުނާ މެޝިނަކާއި، މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ވެސް ހޯދާފައެވެ.

މީގެ އިތުރުން މި މައްސަލާގައި ޝާމިލުވާ ޒުބެއިރު ދިރިއުޅޭ މ. އަފްސާނާ ގޭގެ އެޕާޓްމަންޓެއް ފުލުހުން ބަލާފާސްކުރިއިރު، އެތަނުން ވެސް މަސްތުވާތަކެތި ބަންދުކުރަން ބޭނުންވާ އާލާތްތައް ފެނިފައިވެއެވެ. ޒުބެއިރުގެ ހަށިގަނޑުން ވެސް މަސްތުވާތަކެއްޗާއި، މައްސަލައާ ގުޅުން ހުރި ފައިސާ ފެނިފައިވެއެވެ. ހަމައެއާއެކު ޒުބެއިރާއި ސިދުރަތުގެ ހާޒިރުގައި ފުލުހުން ވަނީ މ. ނިޝާނާ މަންޒިލުގެ އެޕާޓްމަންޓެއް ވެސް ބަލާފާސްކޮށްފައެވެ. އެ އެޕާޓްމަންޓުން ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތީގެ އިތުރުން މައްސަލާގައި ޝާމިލުވާ މީހުންގެ ލިޔެކިއުންތައް ހޯދާފައެވެ.

މި މައްސަލާގައި ފުލުހުން ބަލާފާސްކުރި އެޕާޓްމަންޓްތަކުގެ ތެރޭގައި ހުޅުމާލޭގެ އެޕާޓްމަންޓަކާއި، ގ.މެދުފަރުގޭގެ އެޕާޓްމަންޓަކާއި މއ.ސީބްރީޒްގޭގެ އެޕާޓްމަންޓެއް ހިމެނޭއިރު އެތަންތަނުން ވެސް ވަނީ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދާފައެވެ. އެގޮތުން ސީބްރީޒުގޭގެ އެޕާޓްމަންޓުން ފުލުހުން ވަނީ 9.4 ކިލޯގެ މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ހޯދާފައެވެ.

ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށް، ދޫވި މީހުން އެނބުރި ވިޔަފާރިއަށް

މި މައްސަލައިގެ ތަހުގީގު ނިންމާ، ކްރިމިނަލް ކޯޓަށް ހުށަހަޅާ ދައުވާވެސް ކުރިއެވެ. ނަމަވެސް ކޯޓުން ނިންމީ ކުށް ސާބިތު ވަނީ ހަމައެކަނި ޒަހީނާއި އަސްލަމްގެ މައްޗަށް ކަމަށެވެ. އަދި އެ ދެ މީހުން އުމުރަށް ޖަލަށްލުމަށާއި، 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރިއެވެ. ދެން ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފުލުހުންނާއި ޕީޖީން ދަނީ ކުރަމުންނެެވެ.

ބޮޑު ޑްރަގް ނެޓްވޯކެއް އަތުލައިގަނެ، ތަހުގީގުކޮށް ކޯޓަށް ހުށަހެޅުމުން ވެސް ނެޓްވޯކުގައި ހިމެނުނު މީހުން ގާނޫނުގެ އަތްދަށުން ދޫވެ ދިޔައީއެވެ. 2021، ސެޕްޓެމްބަރު މަހު އެމީހުން މިނިވަންވެ މުޖުތަމައަށް ނިކުތުމާއެކު، އެމީހުންގެ ވިޔަފާރި ކުރިއަށްވުރެ ފުޅާކުރިއެވެ. ނުވަ ކިލޯގެ މައްސަލައިން ސަލާމަތްވިތާ ތިން މަސްދުވަސް ހަމަނުވަނީސް 119 ކިލޯއާއެކު އަނެއްކާވެސް ހައްޔަރުކުރިއެވެ. 119 ކިލޯގެ ތަކެތި ހޯދީ އެންމެ ތިން އުޅަންދު ބަލާފާސްކޮށްގެންނެވެ. އެއީ ޓެކްސީއަކާއި ޕްރައިވެޓް ކާރެއްގެ އިތުރުން ސައިކަލެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ 119 ކިލޯގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

1
1
0
1
1

ކޮމެންޓް

Your email address will not be published.

0 %