ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖޭން މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިއަދު 12:15 ގައި މަރުވެފައިވާކަމަށެވެ. މިއަދު މަރުވެފައިވަނީ 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
މިއީ މި ބަލީގައި ރާއްޖޭން މަރުވި 292 ވަނަ މީހާއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި މިވަގުތު 15،035 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ އިރު، އޭގެ ތެރެއިން 24 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭން މިހާތަނަށް 165،073 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 149،734 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.