މަސްތުވާތަކެތި ވިއްކުމަށް ކުޑަކުދިން ރެކްރޫޓްކޮށް, ޓްރެއިން ކުރޭ!

މަސްތުވާތަކެތީގެ ވިޔަފާރިކުރާ "އައްޑާ"އެއް

މަސްތުވާތަކެތީގެ ވިޔަފާރިއަކީ މިހާރު ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިއެކެވެ. ދުނިޔޭގެ ގައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ޓްރާންސިޓް ހަބެއްގެ ގޮތުގައި އޮތުމުގެ އިތުރަށް ރާއްޖެއަށް ވެސް އެކި ގައުމުތަކުން ބޮޑެތި އަދަދުތަކުން މާސްތުވަތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރެއެވެ. ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރަށް ބިދޭސީންވެސް ހިމެނޭހެން މަސްތުވާތަކެއްޗަކީ މިއަދު މި ކުޑަކުޑަ މުޖުތަމައުގައި ތިޔާގި އެއްޗަކަށް މިވަނީ ވެފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ އެއް ކަމަކީ، 13-14 އަހަރުގެ ކުޑަކުދިން ގްރޫމްކޮށްގެން ޅަ އުމުރުގައި މިކަމުގެ ތެރެއަށް ވައްދާ ވެއްދުމެވެ. އެގޮތުން ކުޑަކުދިން ރެކްރޫޓްކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ޓްރެއިން ކުރާ ބަޔަކު ވެސް ރާއްޖޭގައި އެބައުޅެއެވެ. 2021 ވަނަ އަހަރު ފުލުހުން ވަނީ ބޮޑު މީހަކު އިސްވެހުރެ ކުޑަކުދިންތަކެއް ބައިވެރިކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރި މައްސަލައެއް ބަލާފައެވެ.

ބޮޑު މީހަކު އިސްވެހުރެ، އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އެތަނުގައި، ކުޑަކުދިން ލައްވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޑެލިވާކޮށް ހެދިއެވެ. އޭނާގެ ނަމުގައި އެޕާޓްމަންޓް ނަގައިގެން، އެ އެޕާޓްމަންޓުގެ އެއް ކޮޓަރި ހާއްސަކުރީ ކުދިން ރެކްރޫޓްކޮށް، ޓްރެއިން ކުރުމަށެވެ. އެގޮތުން ވިޔަފާރި ކުރަންވީ ގޮތާއި، ފުލުހުން ހުއްޓުވައިފިނަމަ އަމަލު ކުރަންވީ ގޮތް އެ ކުދިންނަށް ކިޔައިދެއެވެ.

ކުޑަކުދިން ރެކްރޫޓް ކުރުމަށް ހާއްސަ ކޮޓަރިއެއް ކަނޑައަޅައިފައި ހުންނައިރު، ރެކްރޫޓްކުރާ ގިނަ ކުދިން ތިބެނީ ވެސް އެތަނުގައެވެ. އެފަދަ ގެއެއް ބަލާފާސްކުރި އިރު، ފުލުހުންނަށް ފެނުނު ތަކެތީގެ ތެރޭގައި ބޭންކް ސްލިޕްތަކަކާއި މަސްތުވާތަކެތީގެ މުއާމަލާތްތަކެއް ލިޔެފައިވާ ކަމަށް ތުހުމަތުކުރެވޭ އަތު ލިޔުންތަކެއް ހުރި ކަރުދާސްތަކެއް ހިމެނެއެވެ. އަދި އެގޭގެ އަލަމާރިމަތިން ނެގި ކެމަލް ބްރޭންޑުގެ ސިގިރެޓް ފޮށްޓެއްގެ ތެރެއިން 0.8 ގްރާމުގެ ކެނަބިސް ހުރި ހަތަރު ސްލޯފިންކޮޅު ވެސް ފެނިފައިވެއެވެ.

މިކަމުގައި ފާހަގަކޮށްލެވޭ ކަމަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނެވެ. ސަބަބަކީ އުމުރުން 15 އަހަރު ނުފުރޭނަމަ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުމެވެ. އެހެންކަމުން މިކަމުގައި އުޅޭ ކުއްޖަކު ހައްޔަރުކޮށްފި ހާލަތެއްގައި ވެސް އެކަމުގައި ކަމާބެހޭ އިދާރާތަކަށް އެޅޭނެ މާބޮޑު ފިޔަވަޅެއް ނުވަތަ ކުރެވޭނެ މާބޮޑު ކަމެއް ނެތީއެވެ.

މިދިޔަ އަހަރު ފުލުހުން ބެލި އިތުރު މައްސަލާގައި، ކުޑަކުއްޖާ މަގުމަތީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅެނިކޮށް، ހުއްޓުވާ ސުވާލުކޮށް، ބަލާފާސްކުރިއިރު، ކުއްޖާގެ ޖިންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން މެޓަމްފެޓަމިން ރެސިމޭޓް ހުރި ރަބަރު ޕެކެޓެއް ފުލުހުންނަށް ފެނުނެވެ. 38.8 ގްރާމް ހުރި އެ ޕެކެޓާއެކު ކުއްޖާގެ ޖިންސް ޖީބުން ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެޕާޓްމަންޓުގެ ތަޅުދަނޑިވެސް ހޯދާފައެވެ.

ދެން ފުލުހުން މަސައްކަތްކުރީ ކޯޓު އަމުރެއް ހޯދައިގެން އެ އެޕާޓްމަންޓް ބަލާފާސް ކުރުމަށެވެ. އެގޮތުން ގެއެއްގެ ތިންވަނަ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓް ބަލާފާސްކުރިއިރު، 40 ގްރާމުގެ މެޓަމްފެޓަމިން ރެސިމޭޓާއި 19.3 ގްރާމުގެ ޑައަމޯފިން ފެނިފައިވެއެވެ.

ކުޑަކުދިން މަސްތުވާތަކެއްޗަށް ހުށަހެޅެން ދިމާވާ ގިނަ ސަބަބުތަކެއް ވެއެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އެ ކުންދިން ކުށުގެ ވެއްޓަށް ނިކުތުމާއި، އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ސަބަބުން މައިންބަފައިން، ދަރިންނަށް އިހުމާލުވުމުގެ ސަބަބުން އެކުދިން ކުށުގެ ވެއްޓަށް ނިކުތުމުގެ އިތުރުން މައިންބަފައިންނާއި މުއައްސަސާތަކަށް، ކުޑަކުދިންގެ ކަންކަން އެކަށީގެންވާ ގޮތަކަށް މޮނިޓާ ނުކުރެވުމަކީ އެންމެ އާންމު ސަބަބުތަކެވެ. ހަމައެއާއެކު ކުޑަކުދިން ގްރޫމްކޮށް އެކްސްޕްލޮއިޓް ކުރުމަކީ ވެސް ކުދިން މަސްތުވާތަކެއްޗަށް ހުށަހެޅެން ދިމާވާ ކަމެކެވެ.

ކުޑަކުދިން ގްރޫމްކޮށް އެކްސްޕްލޮއިޓް ކުރާ މީހުން އާންމުކޮށް ޓާގެޓް ކުރަނީ އަތޮޅުތެރޭގައި ދިރިއުޅޭ އާއިލާތަކުގެ މާލީ ހާލަތު ދަތި އާއިލާތަކަށެވެ. އެގޮތުން އެ އާއިލާތަކުގެ ކުދިންނަސް ރަނގަޅުގޮތެއް ހަދައިދޭނެ ކަމަށްބުނެ އެކުދިންގެ މައިންބަފައިންގެ ރުހުން ހޯދައިގެން، ބައެއްފަހަރު މައިންބަފައިންގެ ރުހުމާނުލާ، އޮޅުވާލައިގެން މާލެ ގެނެސް ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް، އެ ކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފައެވެ.

ވޭތުވެދިޔަ ތިން އަހަރަށް ބަލާލާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި 930 ކުޑަކުއްޖަކު ހައްޔަރުކޮށްފައިވެއެވެ. މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ކުދިންގެ އަދަދެއް ނޫނެވެ. ފުލުހުންނަށް ހައްޔަރު ކުރެވޭނީ އުމުރުން 15 އަހަރުން މަތީގެ ކުދިންނެވެ. ނަމަވެސް 15 އަހަރު ނުފުރޭ އެތައް ސަތޭކަ ކުދިންނަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާކަން ވަނީ ހާމަވެފައެވެ. މީގެ ފަސް ވަރަކަށް އަހަރުކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ގިނަ ކުޑަކުދިންނަކީ އެތަކެތި ބޭނުންކޮށްގެން ހައްޔަރުކުރާ ކުދިންނެވެ. ނަމަވެސް މިފަހަކަށް އައިސް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހައްޔަރުކުރާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ސުވާލުކުރާ ކުޑަކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އުމުރުން އެންމެ 14 އަހަރުގައި މަސްތުވާތަކެތީގެ 53 މައްސަލަ ތިބި ކުދިން ވެސް އެބަތިއްބެވެ. އެގޮތުން އުމުރުން 14 އަހަރުގެ ފާހަގަކޮށްލެވޭ ކުއްޖަކު އެބަހުއްޓެވެ. މަސްތުވާތަކެތި ވިއްކުމުގެ ދެ މައްސަލައާއި، އެތަކެތި ބޭނުންކުރުމުގެ 16 މައްސަލައާއި، އެތަކެތި ގެންގުޅުމުގެ 35 މައްސަލައާއެކު ޖުމްލަ 53 މައްސަލަ އެ ކުއްޖާގެ އޮވެއެވެ.

މީގެ ތެރެއިން ގިނަ މައްސަލަތަކަކީ 2020 އަދި 2021ގައި ހުށަހަޅާފައިވާ މައްސަލަތަކެވެ. ތިން އަހަރު ތެރޭގައި ފުލުހުން ވަނީ އެކި ތަންތަނުން ޖުމްލަ 354 ފަހަރު އެ ކުއްޖާ ހުއްޓުވާ ސުވާލުކޮށްފައެވެ. އެންމެ ގިނައިން އެ ކުއްޖާ ހުއްޓުވާފައިވާ ތަންތަނުގެ ތެރޭގައި އައިޖީއެމްއެޗް ކުރިމަތީ އޮންނަ ގޯޅިތެރެއާއި، ވައިކަންމަތި ކައިރި އަދި އަލަމާގޮޅިތެރެ ހިމެނެއެވެ. މި ތިން މަންޒިލަކީވެސް މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރަމުންދާ ތަންތަނެވެ.

އުމުރުން އެންމެ 14 އަހަރުވީއިރު، ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން ވެސް ވަނީ އެ ކުއްޖާއާއެކު ގިނަ މަސައްކަތްތަކެއް ކުރަން އުޅެފައެވެ. އެގޮތުން، ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށާއި ނެޝަނަލް ޑްރަގް އޭޖެންސީއާއެކު އިންޑިކޭޓިވޗް އެސެސްމަންޓް ރިޕޯޓެއް ހެދުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ އެ ދެކަންތައް ވެސް ކުރެވޭގޮތް ވަނީ ނުވެފައެވެ.

މީގެ އިތުރަށް އެ ކުއްޖާ ޒިންމާދާރު ކަމެއްގެ ތެރެގައި ޝާމިލުކުރުމަށްޓަކައި ގަވައިދުން ސްކޫލަށް ދިއުމާ ގުޅެގޮތުން އެ ކުއްޖާއާ ވާހަކަދައްކާފައިވާއިރު، އަލުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު އެ ކުއްޖާއަށް ވަނީ ހޯދައިދީފައެވެ. އެ ކުއްޖާގެ މަސްތުވާތަކެތީގެ 53 މައްސަލަ އޮތްއިރު، އެއީ އެ ކުއްޖާގެ މައްސަލަތަކުގެ ދެބައިކުޅައެއްބައެވެ. ވައްކަން ކުރުމާއި، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، ފިލަން މަސައްކަތް ކުރުމާއި، ރަހީނު ކުރުމުގެ އިތުރަށް މާރާމާރީ ހިންގުމާއި، ސްކޫލަކަށް ގެއްލުންދޭން މަސައްކަތް ކުރުމކާއި، ގްރޫޕްހަދައިގެން ތިބުން އަދި އަށަރަ އަހަރު ނުވަނީސް ސައިކަލު ދުއްވުމަކީ ވެސް އެ ކުއްޖާގެ މައްސަލަތަކެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ "އައްޑާ"އެއް

ކުޑަކުދިން ޝާމިލުވާ މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން އަންނައިރު، އެކަން ހުއްޓުވުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ޖުވެނައިލް ރިހެބިލިޓޭޝަން ސެންޓަރެއް ނެތުމާއި، ކުދިން ރިހެބިލިޓޭޓްކޮށް، ރި އިންޓަގްރޭޓް ކުރުމަށް އެކަށީގެންވާ ކޮމްޕްރެހެންސިވް ޕްރޮގްރާމެއް ނެތުމުގެ އިތުރަށް މުއައްސަސާތައް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުކުރެވުން ހިމެނެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ފަރުވާދޭންޖެހޭ މުއްދަތުގެ ތެރޭގައި އެ ފަރުވާދޭނެ މަރުކަޒެއް އަިދ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ވެސް އަދި ގާއިމްވެފައެއް ނެތެވެ، ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާނެ އެކަށީގެންވާ ވަސީކްތަތްކާއި ތަމްރީނު ލިބިފައިވާ މުވައްޒަފުންނެއް ވެސް ނެތެވެ. އެކަށީގެންވާ މިންވަރަށް ސޯޝަލް ސެކްޓާގައި ކައުންސިލަރުން ވެސް ނެތެވެ. ހަމައެއާއެކު، ވަލްނަރަބަލް އާއިލާތަކަށް އެހީތެރިވެދޭނެ ސޯޝަލް ސަޕޯޓް ސްކީމެއް ވެސް ރާއްޖޭގައި ގާއިމްވެފައެއް ނުވެއެވެ. މިއީ ހައްތަހާވެސް ޑަކުދިން ޝާމިލުވާ މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމުގައި ހުރި ގޮންޖެހުންތަކެވެ.

0
0
1
0
0

ކޮމެންޓް

Your email address will not be published.

0 %