ސަރުކާރުގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސަބްމެރިން ކޭބަލްގެ ޕްރޮޖެކްޓް ކުރިޔަށްގެންދަނީ ސަރުކާރުގެ 100 ޕަސެންޓްގެ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްއިންނެވެ. މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ހިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަގުސަދުގައިކަމަށް ސަރުކާރުން ބުނެއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރިލަޔަންސް ޖިއޯގެ ރައީސް އަދި ބޯޑު މެންބަރު، މެތިއު އޮމެން އަދި އޯސީއެމްގެ ފަރާތުން ޗެއަރޕާސަން ރިޔާސް މަންސޫރެވެ. މިހަފްލާގެ ޝަރަފްވެރި މެހުމާނުގެ ގޮތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ސީދާ ކަނެކްޝަނުން އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ސިސްޓަމް މެދުވެރިކޮށް އިރުމައްޗާއި ހުޅަނގުގައި ސީދާ ދެ ކަނެކްޝަން ތައާރަފް ކުރެވިގެންދާނެއެވެ. އައި.އޭ.އެކްސް ކޭބަލް ސިސްޓަމަށް އިންވެސްޓްކުރުމަކީ، އޯސީއެމްގެ "ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު" މައިގަނޑު އަސާސުގެދަށުން އެއްވެސް ހުރަހަކާ ނުލާ ދިވެހިރާއްޖެ ޑިޖިޓަލް ގުޅުވާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.
އޯސީއެމްގެ ފަރާތުން މޯލްޑިވްސް އައި.އޭ.އެކްސް ސަބްސީ ކޭބަލް ސިސްޓަމް މެދުވެރިކޮށް، ތަރޑް-ޕާޓީ ހަބްތަކަށް ބަރޯސާނުވެ، ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަރގްރޭޝަންތައް ހޯދޭނެއެވެ.
އައިއޭއެކްސް ސިސްޓަމް އިންޑިއާގެ މުމްބާއީއިން ފެށިގެން އިރުމައްޗަށް ދާއިރު، ސީދާ ސިންގަޕޫރާ ގުޅުވައިދޭ ބްރާންޗްތަކުގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑްގައި އިތުރު ލޭންޑިންގތައް ވެސް ހިމެނެއެވެ. އަދި ހަމައެހެންމެ މިކޭބަލް އިންޑިއާ-ޔޫރަޕް-އެކްސްޕްރެސް (އައި.އީ.އެކްސް) ސިސްޓަމާއި ވެސް ގުޅި، މުމްބާއީ އާއި މިލާން ގުޅުވައިދޭ އިރު، އިޓަލީގެ ސަލޯނާއިން، މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށަށް އިތުރު ލޭންޑިންތައް ވެސް ހިމެނެ އެވެ.
އައި.އޭ.އެކްސް ގެ ޙިދުމަތް 2023ގެ ނިޔަލަށް ތައްޔާރުވާނެ ކަމަށް ބެލެވޭއިރު، 2024 ވަނަ އަހަރުގެ މެދުތެރޭގައި އައި.އޭ.އެކްސް އިން ޚިދުމަތަށް ތައްޔާރުވާނެ ކަމަށްވަނީ ލަފާކޮށްފައެވެ. މިއާއެކު އިންޓަރނެޓް ޕަރޗޭސްގެ ހޭދައަށް ވަރަށް ބޮޑު ލުޔެއް ލިބި، ޑޭޓާ އާއި އިންޓަރނެޓަށް ސަރުކާރުން ކުރާ ޚަރަދު، ދެގުނައަށް ކުޑަވެ، އިންޓަރނެޓްގެ ކެޕޭސިޓީ ދެގުނައަށް އިތުރުކުރެވިގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.