ތިމާވެށި ފެންނަނީ އައްޑޫގެ ބިން ހިއްކަންވީމަ ތޯ ސުވާލުކުރައްވާ، ބިން ހިއްކައިފި ނަމަ އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވެދާނެ ކަމަށް ބުނާ ފަރާތްތަކަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އައްޑޫގެ ތަރައްގީއަށް ހުރަސްއަޅަން ބަޔަކު އުޅޭކަން ދޭހަވާ މޭރުމުން މީގެކުރިންވެސް ޓްވީޓްތައް ކުރައްވާ ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުންވެސް ބިންތައް ހިއްކާ ނިމޭއިރު ބަސް ނުބުނާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނިހާދު ވިދާޅޫވީ އެހެން ސަރަހައްދުތަކުގެ ބިންތައް ހިއްކާ ނިމޭއިރު ބަސް ނުބުނަނީ އޭގެއިން ކޮން މަންފާއެއް ލިބޭތީތޯ ސުވާލުކުރައްވާފައެވެ. އަދި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް ނިހާދު ވަނީ ގޮވާލައްވާފައެވެ.
އައްޑޫގެ ބިން ހިއްކުން ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރާކަމަށް ދޭހަވާ ގޮތަށް ނިހާދު ޓްވީޓް ކުރައްވާފައި މިވަނީ ދާދި ފަހުން އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލަޑިވްސް ހިމެނޭހެން 7 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައި ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.
ނިހާދު ވިދާޅުވީ އައްޑޫ ތަރައްގީކޮށް އިގުތިސާދީ ގޮތުން އެޅިފައިވާ މަރުތަޅަށް ހައްލެއް ހޯދައިދޭން އުޅުމުން އެކަންކަން ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށެވެ.
އައުޓްކުރުމާއި އެހެނިހެން ބައިވަރު ޝިއާރު ބޭނުންކޮށް [ކަންކަން] ހުއްޓުވަން މަސައްކަތް އެބަކުރޭ. މާތްﷲ ގެ އިރާދަފުޅާއެކު ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެންނާނަން.
އިންޑިއާގެ އެހީގައި އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި މަޝްރޫއާ ގުޅޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު، ވޯޓާ ސޮލިއުޝަންސް އިން ނިންމައި ރިޕޯޓު މިހާރު ވަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅާފައެވެ.
އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.