ޖިންސީ ކުށުގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައި ވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރުވާލުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޝްހަދު އަލީ (އަޑުބަރޭ) އަމިއްލަ އިހްތިޔާރުގައި ރާއްޖެ އަތުވެއްޖެއެވެ.
އަޝްހަދު ރާއްޖެ އައިސްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި މިހާރު ދަނީ އޭނާގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.
އަޝްހަދު ރާއްޖެ އައިކަމާމެދު ފުލުހުންގެ ފަރާތުން ރަސްމީކޮށް ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް ކަރެކްޝަންސްގެ ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވަނީ އަޝްހަދު އަމިއްލައަށް ރާއްޖެ އައިސް ކަރެކްޝަންސްގެ ބެލުމުގެ ދަށަށް އައިސްފައިވާކަމަށް ބުނެފައެވެ. އަދި މިހާރު އެއާޕޯޓުން އޭނާ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
އަޝްހަދުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އަލީ ވަހީދުގެ ޖިންސީ ކުށުގެ މައްސަލައިގައި ޖާމިނުވުމަށްފަހު އޭނާ ކޯޓަށް ހާޒިރުވާން އެންގުމުން، ހާޒިރު ނުވެ، ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުންނެވެ. ހުކުމް އިއްވިއިރުވެސް އަޝްހަދު ވަނީ ރާއްޖެއިން ފުރައިގެން އިނގިރޭސިވިލާތަށް ދަތުރުކޮށްފައެވެ.
އަދި އޭރު އޭނާ ރާއްޖޭގައި ނެތުމުން ކަރެކްޝަންސް އިން ވަނީ އޭނާ ހޯދައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. އަދި ފުލުހުން ދިޔައީ އަޝްހަދު ރާއްޖެ ގެނައުމަށް މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހު 9 ވަނަ ދުވަހު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރާއި އެކު އަލީ ވަހީދުވެސް ވަނީ އިނގިރޭސިވިލާތަށް ފުރާފައެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ، ހަތަރު މަސްދުވަހަށް އަޝްހަދު ޖާމިނުވެގެންނެވެ. ނަމަވެސް އެ ހަތަރު މަސްދުވަސް ފާއިރުވިފަހުންވެސް އަލީ ރާއްޖެ އައިސްފައެއް ނުވެއެވެ. އޭގެ ފަހުން ކޯޓުން ވަނީ އަލީ ވަހީދު އަނބުރާ ގެނައުމަށް އަޝްހަދަށް އަންގާފައެވެ.
އަދި އެގޮތަށް އަޝްހަދު އެންގުމުން، އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގައި އިމިގްރޭޝަން ބަންދެއްގައި ހުރުމުން އެކަން ކުރެވެން ނެތްކަމަށް ބުނެފައެވެ. އަޝްހަދު ވަނީ ފަހުން އޭނާ ޖާމިނުވެފައިވާ ޝަރުތު، އަލީގެ ކިބައިން ރާއްޖެ އަނބުރާ އައުމަށް އެދުމުން ފުރިހަމަވެފައިވާކަމަށްވެސް ބުނެފައެވެ.