ތިން އަހަރަށްފަހު މި އަހަރުގެ ދިވެހި ޕްރެމިއާ ލީގުގެ މައި ސްޕޮންސަރަށް އަދި ޕާޓްނަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫ އާއި އެފްއޭއެމްއިން ވަނީ އެކަމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި އެ އިވެންޓުގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީ އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުރީދޫއިން އެންމެ ފަހުން ޕްރެމިއާ ލީގުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރީ މީގެ ތިން އަހަރު ކުރިންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޙާލިދް އަަލް-ހަމާދީ ވިދާޅުވީ ފުޓުބޯޅައިގެ ރޫހަކީ މުޖުތަމައުތަަކުގައި އެއްބައިވަންތަކަން ދިރުވާާދޭ ފޯރިގަދަ ކުޅިވަރެއް ކަމަށެވެ. އެހެންކަމުން، ދިވެހިންނެކޭ އެއްފަދައިން ފުޓުބޯޅައަކީ އުރީދޫއާވެސް ގާތް ގުޅުމެއް އޮންނަަ ކުޅިވަރެއް ކަމަށް ވިދާޅުވިއެވެ.
މި ޕާޓްނާޝިޕާއި އެކު އެފްއޭއެމްއާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
ފެށުނީއްސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ އިން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސްއެވެ.