ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް.

ރާއްޖޭގެ ދެކުނުގެ ސަރަހައްދު މާ ދުރު ނޫން މުސްތަގުބަލެއްގައި ޓޫރިޒަމްގެ ވަރުގަދަ ހަބަކަށްވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އައްޑޫ ސިޓީގެ ޓޫރިޒަމްއާއި ގުޅޭ ގޮތުން ރޮޒައިނާ ކުރެއްވި އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ އަދި ދެކުނު އަތޮޅުތަކުގެ ޓޫރިޒަމް ކުރިއަރުވަންވެސް "ކްރިޓިކަލް ވޮލިއުމް" ނުވަތަ ޓޫރިޒަމަށް ބޭނުންވާ ވަސީލަތްތައް ހުރުން އެއީ ބޭނުންތެރި އަދި މުހިންމުކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއަށް އެކަނިވެސް ކްރިޓިކަލް ވޮލިއުމްގެ ދަށުން 8،000 ވަރަކަށް އެނދު ބޭނުންވާކަމަށެވެ. އެވަރަށް އެނދު ތައާރަފްކުރުމަކީ އެކަމަށް ވަގުތު ބޭނުންވާ ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

8،000 އެނދު ވަރު އައްޑޫ ސިޓީއަށް ލިބުމަކީ ފަހި ގޮތުގަ ޓޫރިޒަމް ކުރިޔަށް ގެންދިޔުމަށް ލިބޭނެ ބާރަކަށް ވާނެ،"

މިނިސްޓަރު ވިދާޅުވީ ހޯމްސްޓޭ ފަދަ ކަންކަމުގެ ސަބަބުން އެ ކްރިޓިކަލް ވޮލިއުމް ހަމަކުރަން އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި އައްޑޫ ސިޓީގައި މިހާރު ކުރިޔަށް ގެންދަން ނިންމާފައިވާ ހަންކެޑެ އަދި ސަވާހިލި ފަދަ މަޝްރޫއުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ޓޫރިޒަމްވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިޔަށް ގެންދެވޭނީ އައްޑޫ ސިޓީއާ އެއްކޮށް،"

ލާމަރުކަޒީ ގާނޫނުގެ ދަށުންވެސް ކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް އިތުރު ބާރުތަކެއް ލިބި، އިތުރު ބިންތަކެއް ހަވާލުކުރެވިފައިވާކަމަށާއި އެ ބިންތައް ތަރައްގީކޮށްގެންވެސް ޓޫރިޒަމް ކުރިއެރުވޭނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތްތަކާއެކު ކްރިޓިކަލް ވޮލިއުމް އެ ސިޓީއަށާއި މުޅި ދެކުނަށް ލިބިގެންދާނެކަމަށް މިނިސްޓަރު މައުސޫމް މިއަދު ލަފާކުރެއްވިއެވެ.

މުޅި ސަދަން ރީޖަނަށް ކްރިޓިކަލް ވޮލިއުމް ލިބި އެ ރީޖަން ވެގެންދާނެ މުސްތަގުބަލުގެ ޓޫރިޒަމްގެ ހަމަ ވަކިން އިންޑިޕެންޑެންޓް ހަބަކަށް،"

 

ޝަންގްރިލާ ހުޅުވަން އަމާޒުކޮށް ގާނޫނަށް އިސްލާހެއް

މެމްބަރު ރޮޒައިނާ ވަނީ މިހާރު އައްޑޫ ސިޓީގައި ނުހުޅުވި ހުރި ޝަންގްރިލާ ވިލިނގިލި ރިސޯޓާއި ގުޅިގެން ސުވާލުކުރައްވާފައެވެ. އަދި އެ ރިސޯޓު ނުހުޅުވި އޮތީ ކީއްވެގެންތޯއާއި އެ ރިސޯޓު ހުޅުވޭނެކަމަށް ބެލެވޭ ތާރީހަކީ ކޮބައިތޯވެސް މެމްބަރު ރޮޒައިނާ ވަނީ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ޝަންގްރިލާ ނުހުޅުވި އޮތީ އެ ރިސޯޓުގައި އޮންނަ ސަރުކާރުގެ 30 ޕަސަންޓު ހިއްސާ ބަދަލުނުކުރެވި އޮތުމުގެ ސަބަބުންކަމަށެވެ. އަދި ސަރުކާރުން ޝަންގްރިލާގެ ހިއްސާ ބަދަލުކުރަން އެދެނީ ސަރުކާރަށްވެސް އެ ރިސޯޓުން އެއްވެސް ފައިދާއެއް ނުލިބި އެހާ ގިނަ ދުވަސް ފާއިތުވެފައިވާތީވެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަ 270 އެނދުގެ ޝަންގްރިލާ އަކީ ބިން ބޮޑު ރަށެއްކަމުން ޓޫރިޒަމް ގާނޫނަށް ގެނައި 10 ވަނަ އިސްލާހުގެ ދަށުންވެސް އެ ރިސޯޓުގެ ހިއްސާ ބަދަލުކުރުމަށް ހުރަސްތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކަމަށް ހައްލެއް އަންނާނެކަމަށް ބެލެވެނީ ޓޫރިޒަމް ގާނޫނަށް ހުށަހަޅާ 11 ވަނަ އިސްލާހުގެ ދަށުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ އިސްލާހު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް ޝަންގްރިލާ ހިންގާ ކުންފުންޏާއެކު އެ ރިސޯޓު ހުޅުވަން މަޝްވަރާކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިވަގުތު މިނިސްޓްރީ އޮފް ފިނޭންސްއާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ވާހަކަދެކެވެމުން ދަނީ ވާހާ އަވަހަކަށް ޝަންގްރިލާ ހުޅުވޭނެ ގޮތަކަށް،"

އަދި ޝަންގްރިލާ މުޅިން ހުޅުވޭނީ އެ ރިސޯޓު ހިންގާ ފަރާތްތަކުން އެތަނުގައި ކުރަން ހުރި މަރާމާތު މަސައްކަތްތަކެއް ނިމުމުންކަމުން އެ ރިސޯޓު ހުޅުވޭނެ ސީދާ ތާރީހެއް އަދި ދަންނަވަން ނޭނގޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އައްޑޫ ސިޓީގެ ކެނަރީފް ރިސޯޓު މިހާރު ހުޅުވިފައވާތީ އެއީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއްކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އަދިވެސް އެ ރިސޯޓު އެއްކޮށް ނުހިނގާތީ އެ ރިސޯޓުގެ ފައިދާ އެ ސިޓީއަށް ނުކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އުންމީދަކީ އެ ރިސޯޓު ކުރިޔަށް އޮތް ތަނުގައި ވަރަގަދަޔަށް ހިނގައިގަތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *