މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 49 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ނުވަތަ ސީއައިއެފްގެ އަގު 49 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، މިއަހަރުގެ ޖެނުއަރީ މަހު 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އޭގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ލިބުނު އާމްދަނީވެސް 30 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖުމްލަ 240 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު އިރު، މި އަހަރު އެ އާމްދަނީ 312 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޗައިނާ، އޮމާން، އިންޑިއާ އަދި ޔޫއޭއީއިން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޗައިނާއިން 831 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 572 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އޭގެ އިތުރުން އިންޑިއާއިން 514 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫއޭއީއިން 480 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވަނީ 1،216،369 ރުފިޔާކަމަށް ކަސްޓަމްސްއިން ބުނެއެވެ.