Transport Ministry
މާލޭ މަގުމަތީގެ މަންޒަރެއް ފޮޓޯ: ވަގުތު

މާލޭ އިން އަމިއްލަ ފަރާތްތަކަށް ދިގު މުއްދަތަކަށް ޕާކިން ސްލޮޓް މާލޭ ސިޓީ ކައުންސިލަށް ނުވިއްކޭނެކަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ. 

މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެންނެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށެވެ. އެކަމަކު ދިގު މުއްދަތަކަށް ޕާކިން ސްލޮޓް ވިއްކުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫން ކަމަށާއި އެގޮތަށް ޕާކިން ސްލޮޓް ކުއްޔަށް ނުދެވޭނެ ކަމަށެވެ.

އެ ގަވާއިދުގާވާ ގޮތުގެމަތިން ޕާކުކުރުމަށް ބިން ދޫކުރުމާއި ޕާކިންސްލޮޓްތައް ގާއިމްކުރާތަންތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅައި ފާސްކޮށްގެން ބިންދޫކުރުމުގެ ކަންކަން ސިޓީކައުންސިލަށް ކުރެވޭނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"ކަންމިހެން އޮތް ނަމަވެސް މާލެ ސިޓީ ކައުންސިލުން މި މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭޢން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައެއް ނުވެއެވެ. އަދި، އެފަދަ ހުއްދަޔަކަށް މިހާތަނަށް އައި އިރު އެދިފައެއް ވެސް ނުވެއެވެ. މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަކަސް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމުގައިވެސް މި ފުރުސަތުގައި ދަންނަވަމެވެ."

1،000 ޕާކިން ސްލޮޓް އުމުރު ދުވަހަށް ދޫކުރަން ކައުންސިލުން މަޝްވަރާކުރަނީ

މި މައްސަލައިގައި އެލްޖީއޭއިން ވެސް ވަނީ ސްލޮޓްތައް ނުވިއްކޭނެކަން އަންގައި މާލޭ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުއްވާފައެވެ. އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި ރޭ މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ މާލެއިން ޕާކިން ސްލޮޓްތައް ވިއްކުމުގެ މުއާމަލާތް ހިނގަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަވެގެންތޯ ބެލުމަށާއި އެކަމަށް ކަނޑައަޅާފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލަން އެ އޮތޯރިޓީން ބޭނުންވާކަމަށެވެ.

އެލްޖީއޭ އިން ބުނީ އެ ޝަކުވާތަކާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ބަލައި އެކަން ހިނގަމުން ދަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަ ކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް އެކަށައަޅާފައިވާ ގާނޫނާއި ގަވާއިދާއި އެއްގޮތަށްތޯ ބަލަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީން އެ މުއާމަލާތް ބަލާ ވަކި ގޮތެއް އަންގަންދެން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ބިން ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުން މަޑު ޖައްސާލުމަށް ވަނީ އަންގާފައެވެ.

އަދި އެކަން ދިރާސާ ކުރުމަށްޓަކައި ސިޓީ ކައުންސިލުން ވެހިކަލް ޕާކުރުމަށް ބިން ވިއްކުމަށް ކުރާ މުމަލާތުގެ ހުރިހާ ލިޔެކިއުންތައް މިމަހުގެ 14 ވަނަ ދުވަހުގެ ކުރީން އެލްޖީއޭއަށް ހިއްސާ ކުރުމަށް ވަނީ އަންގާފައެވެ.

މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިގު މުއްދަތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޖާގަ ވިއްކަން ނިންމީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށްޓަކައި ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި ވާތީ މީގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެތީ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *