ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ރާޝިދު މަގާމުގެ ހުވާ ކުރެއްވުން މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ.
ރާޝިދުގެ މަގާމުގެ ހުވާކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 8:20 ގައި މަޖިލިސް ކުރާ ގޭގައެވެ. މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރާޝިދު މަޖިލީހަށް ނުކުމެވަޑައިގަންނަވާނެ ތާރީހެއް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
ރާޝިދު ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އޮތް ވާދަވެރި އިންތިހާބުގައި އެ ދާއިރާގެ ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތުންނެވެ. ވޯޓުގެ ނަތީޖާއިން ދައްކަ ގޮތުގައި ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ދާއިރާއަށް ކުރިމަތިލެއްވި ރާޝިދަށް ވަނީ 1،400 ވޯޓު ލިބިފައެވެ.
އޭނާއާ އެންމެ ކައިރިން ދެން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ މެމްބަރު މޫސާ ފަތުހީއަށް ލިބުނީ 1،161 ވޯޓެވެ. ދާއިރާއަށް ދެން ވާދަކުރި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސަށް ލިބުނީ 323 ވޯޓެވެ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު މިދިޔަ އަހަރުގެ ފަހުކޮޅު އަވަހާރަވުމާއެކުގައެވެ. ހުސެއިން ވަހީދަށްފަހު ދެން އެ ދާއިރާ ތަމްސީލުކުރައްވާ ރާޝިދަކީ ހުސެއިން ވަހީދުގެ ގާތް އެކުވެރިއެކެވެ. މަޖިލިސް އިންތިހާބުގެ ކުރިން ރާޝިދު ހުންނެވީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އޭނާއަކީ ސިޔާސީ ދާއިރާގެ ތަޖުރިބާހުރި އަދި އެ ދާއިރާގައި ވެރިކަން ކުރާ އެމްޑީޕީގެ އިސް ފަރާތެއްވެސްމެއެވެ.