ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަޝްހަދު އަލީ 15 ދުވަހަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފައިވާއިރު، އޭނަ ރާއްޖޭގައި ނެތުމުން ހޯދައިދޭން ކަރެކްޝަންސްއިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެއެވެ.
ކަރެކްޝަންސްއިން ބުނީ، އަސްހަދު ހުރިތަނެއް ނޭނގޭތީ އޭނާ ހޯދައި، ކަރެކްޝަންސްއާ ހަވާލުކޮށްދޭން ފުލުސްގައި އެދިފައިވާނެ ކަމަށެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އޭނަ ހުރީ އިނގިރޭސިވިލާތުގައެވެ.
ކްރިމިނަލް ކޯޓުން ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގައި އަޝްހަދު ޖާމިނުވެފައިވުމުން، އޭނާ ކޯޓަށް ހާޒިރުކުރަން ޗިޓް ފޮނުވުމުން ޗިޓާއި ހަވާލުވުމަށްފަހު ކޯޓަށް ހާޒިރުނުވުމުން މިއަދު އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައެވެ. އަޝްހަދުގެ މައްޗަށް ކޯޓުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ސަބަބުންނެވެ.
އަޝްހަދު އަލީ ކޯޓަށް ހާޒިރުކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި އޭނާ އަލީ ވަހީދަށް ޖާމިނުވެ، އަލީ ވަހީދު އަބުރާ ރާއްޖެ ގެނެވިފައި ނުވާތީއެވެ. އަލީ ވަހީދަށް އަޝްހަދު ޖާމިނުވީ، ބޭސްފަރުވާއަށްޓަކައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށްޓަކައެވެ.
ނަމަވެސް ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ކޯޓުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރަން މިދިޔަ އަހަރުގެ ކުރީކޮޅު ހުއްދަދިންނަމަވެސް، އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައެއް ނުވެއެވެ. އަދި އޭނާ އަނބުރާ ގެނައުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށްވެސް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.