ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއްގައި ޕާޓީ މެމްބަރުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެއްވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

ޔާމީން ޗެނަލް 13 އަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ދެން އަންނަ އެމަނިކުފާނުގެ ވެރިކަމެއްގައި އަތޮޅުތެރޭގައި އުފައްދާ ހުރިހާ ވަޒީފާއެއްވެސް ހާއްސަކުރާނީ ޕީޕީއެމް ސަޕޯޓަރުންނަށާއި ޕާޓީ މެމްބަރުންނަށްކަމަށެވެ. އަދި މާލެ ސަރަހައްދުގައި އުފައްދާ ވަޒީފާތައްވެސް ކޮލިފިކޭޝަންގެ ގޮތުން ހަމަހަމަ ފަރާތްތަކެއް ކުރިމަތިލާފައިވާނަމަ، ޕީޕީއެމްގެ މެމްބަރުންނަށް އިސްކަންދެއްވާނެކަމަށް ޔާމީން ރޭ ވިދާޅުވިއެވެ.

ޕީޕީއެމް އިން ކޯލިޝަން ހެދިޔަސް. ރަށް ރަށުގަ ހުންނަ ވަޒީފާތަކަކީ ވަރަށް މަދުން އުފެދޭ ވަޒީފާތަކެކޭ. މައިގަނޑު ވަޒީފާ އޮންނަނީ މާލޭގައި. ކުދި ކުދި ރަށްރަށުގައި ފެނަކަ ނޫނީ ކޯޓުގަ ނޫނީ އަނެއްތަނެއްގައި އުފެދޭ ވަޒީފާ މީ ވަރަށް މަދު އެއްޗެއް މާލެއާ ބަލާފައި. އެހެންވެ ރަށްރަށުގަ އުފެދޭ ވަޒީފާތަކެއް އަޅުގަނޑު ނުދޭނަމޭ ކޯލިޝަނަކަށް. އެ ވަޒީފާތައް ހާއްސަކުރާނީ ޕީޕީއެމް މީހުންނަށޭ،"

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެއްވެސް އިރެއްގައި ދައުލަތުގެ ހުރިހާ ވަޒީފާތަކެއް ޕީޕީއެމް މީހުންނަށް ދޭ ވާހަކަ ވިދާޅުނުވާ ކަމަށެވެ. އަދި އެހެން އެކަން ނުވެސް ކުރައްވާނެ ކަމަށާއި، ފަންނީ މަގާމުތަކަށް މީހުން ނަގާއިރުގައި ވަކި ސިޔާސީ ޕާޓީއަކަށް ކުލައަކަށް ބެލުމެއް ނެތި މަގާމުގެ ޝަރުތާއި ގާބިލްކަމަށް ބައްލަވާނެ ކަމަށެވެ. ނަމަވެސް އެއް ފެންވަރެއްގެ ކޮލިފިކޭޝަން ހުރި ދެ މީހަކު ވަޒީފާއަށް ކުރިމަތިލާނަމަ، ޕީޕީއެމްގެ މެމްބަރުންނަށް އިސްކަން ދެއްވާނެކަމަށް އެމަނިކުފާނު ރޭގެ އިންޓަވިއުގައި ވިދާޅުވިއެވެ.

އެކަމަކުވެސް އެއް ފެންވަރެއްގެ މީހުން ވަޒީފާތަކަށް ކުރިމަތިލާފައި ހުރިއްޔާ އަޅުގަނޑުމެން އިސްކަން ދޭނަން ހަމަ ހަގީގަތުގައި ވެސް. ހަމަ ދެމީހުންނަކީ ވެސް އިލްމީ ގޮތުން އެއް ފެންވަރެއްގެ މީހުން ކަމުގައި ވަންޏާ،"

ޔާމީން ވިދާޅުވީ މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގައި އެގޮތަށް އަމަލު ނުކުރައްވާކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް އަމަލުކުރަން ނިންމެވީ، އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕާޓީ މެމްބަރުން ހިފަހައްޓައި ޕާޓި މެމްބަރުންނަށްވެސް ހެޔޮ ގޮތް ހޯދައިދިނުމަށްކަމަށެވެ. ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރުންވެސް އަމަލުކުރަމުން އަންނަނީ އެގޮތަށް ކަމަށެވެ. އަދި ހުރިހާ ވަޒީފާއެއް ދެމުން އަންނަނީ އެމްޑީޕީ މީހުންނަށް ކަމަށެވެ. އެހެންކަމުން ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައިވެސް އެގޮތަށް އަމަލުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިހާރު މި ސަރުކާރުން މިކަންކަން ކޮށްފައި މި ސަރުކާރުން ކަންކަން ކުރާގޮތުން އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން އެ ދަނީ. މާ ކޮލިފައިޑް މީހުން ތިބި އިރު ވަޒީފާތައް ނުލިބި މި މީހުން މިކަން ކުރާއިރު ދިވެހި  ރައްޔިތުންނަށް މިގޮތް ރަނގަޅު ހުރިހާ މުއައްސަސާތައް އެތިބީ ފުދިގެން. އެވާހަކަ ނުބުނެ އެމީހުން އެކަން އެ ކުރަނީ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު އެކަން ކުރާނެ ގޮތް،"

ޔާމީން ވިދާޅުވީ މި ސަރުކާރުން ޕީޕީއެމްގެ މެމްބަރުންނަށް އަމާޒުކޮށް، ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކުރަމުންދާކަމަށެވެ. އެކަމަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެގޮތަށް އަމަލުނުކުރައްވާކަމަށެވެ. އަދި ވަޒީފާ ދިނުމުގައި ގާބިލުކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ބެއްލެވިކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިހެން ވިދާޅުވިނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގައި ނުހައްގުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އެކަންކަމާއި ގުޅޭގޮތުން މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އަދި މި ސަރުކާރުގައި އެތަނުން ބައެއް މީހުންނަށް އެހެން ވަޒީފާތައްވެސް ވަނީ ހަމަޖައްސައިދީފައެވެ.

ވަޒީފާ ދިނުމުގައި ހަމައެކަނި ޕީޕީއެމް މީހުންނަށް ބައްލަވާނެކަމަށް ޔާމީން އެންމެ ފުރަތަމަ ވިދާޅުވީ މިދިޔަ ހަފްތާ ތެރޭ އޮތް ޕީޕީއެމްގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ދެން ޕީޕީއެމް ސަރުކާރެއް އައިސްފި ނަމަ ވަޒީފާތައް ދޭނީ ހަމައެކަނި ޕީޕީއެމް ސަޕޯޓަރުންނަށް އެކަނި ކަމަށެވެ. އަދި އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު އެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވިފަހުން ޕީޕީއެމްއިން ވަނީ ފަހުން ޔާމީންގެ އެ ވާހަކަތައް މީޑިއާއިން އޮޅުވާލައިގެން ރިޕޯޓުކޮށްފައިވާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި ހުރިހާ އެންމެންނަށްވެސް ހަމަހަމަ ވަޒީފާގެ ފުރުސަތުތައް އޮންނާނެކަމަށް ބުނެފައެވެ. ރޭގެ އިންޓަވިއުގައި ވަޒީފާ ދިނުމުގައި ޔާމީން އަނެއްކާވެސް ޕީޕީއެމް މެމްބަރުންނަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވުމާއެކު އަނެއްކާވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާނޭކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.