އިދާރީ މައްސަލަތަކަކާއި ހެދި ދައުލަތުގެ އެދުމުގެ މަތިން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ކޮރަޕްޝަންގެ މައްސަލައިގަ މިއަދަށް ތާވަލުކޮށްފަ އޮތް އަޑުއެހުން ކެންސަލްކޮށްފިއެވެ.
އެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ޖަޒީރާ" އަށް ވިދާޅުވީ އެ ޝަރީއަތް ކެންސަލް ކުރީ އެ މައްސަލައާ ގުޅިގެން ދައުލަތުން ފޮނުވި ސިޓީ އަކަށް ރިއާޔަތްކޮށް ކަމަށެވެ. އެ ސިޓީއަކީ ޝަރީއަތާ ގުޅުންހުރި ސިޓީއެއް ނޫން ކަމަށާއި، އޭގައި ފާހަގަކޮށްފައި ވަނީ އިދާރީ ބައެއް މައްސަލަތައް ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މައްސަލަ އަލުން ތާވަލްކުރާނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
ޝިޔާމްގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ފެސިލިޓީގައި، ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގަ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ 2020 ވަނަ އަހަރުއެވެ. އޭރު އޭސީސީން ބުނީ ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި ދިރިއުޅުއްވީ އެއް އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށްކަމަށެވެ.
އޭސީސީން ބުނީ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ވެސް ނެތް ކަމަށާއި، ޝިޔާމްގެ ބައްޕަ އެތަނުގައި ދިރިއުޅެން ޖެހޭ އެއްވެސް ހައިސިއްޔަތެއްވެސް ނޯންނާނެ ކަމަށެވެ. އެ މައްސަލާގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައި ވަނީ މިދިޔަ ނޮވެމްބަރު 15 ގައެވެ. އެ އަޑުއެހުމުގައި ޝިޔާމް ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކޮށްފައެވެ.