ކުރީގެ ރައީސް، އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން.

އިދިކޮޅު ޕީޕީއެމުން ދެން ވެރިކަމަށް އައިސްފިނަމަ، ވަޒީފާގެ ފުރުސަތުތައް ހަމައެކަނި ޕީޕީއެމްގެ މެމްބަރުންނަށާއި ސަޕޯޓަރުންނަށް ހާއްސަ ކުރައްވާނެކަމަށް ބުނެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ދެއްކެވި ވާހަކަތައް މީޑިއާތަކުން އޮޅުވާލައިގެން ރިޕޯޓްކޮށްފައިވާކަމަށާއި އަދި އެކަމާއި އެޕާޓީން ކަންބޮޑުވާކަމަށް ޕީޕީއެމުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް ޕީޕީއެމްގެ ބައްދަލުވުމެއްގައި ޔާމީން ވަނީ ދެން އިދިކޮޅު ޕީޕީއެމުން ވެރިކަމަށް އައިސްފިނަމަ، ވަޒީފާ ދިނުމުގައި އިސްކަން ދޭނީ ޕީޕީއެމްގެ މެމްބަރުންނަށް ކަމަށާއި އަދި "އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ" ކަމަށް ވިދާޅުވެއްޖެއެވެ.

އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކީ އަޅުގަނޑުމެންގެ ސަރުކާރެއް 2023 ވަނަ އަހަރު ރައްޔިތުންގެ ކަންތައްތައް ރައްޔިތުންނަށް ހިދުމަތްކުރަން ފަހިވެގެން ހިނގައްޖެކަމަށްވާނަމަ، ރަށްރަށުގަ، ރާއްޖޭގެ އެކި ރަށްރަށުގަ ހިންގާ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާކަމުގައިވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތަކުންކަމުގައިވިޔަސް، މިތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމްގެ ކުދިން. އެހެންބަޔަކަށް ޖާގައެއް ނޯންނާނެ،"

ރައީސް ޔާމީން އެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އެވާހަކަތައް މީޑިއާތަކުން ރިޕޯޓުކުރި ގޮތާއި ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް ނޫން އެހެން ޕާޓީއެއްގެ މެމްބަރުންނަށް ވަޒީފާ ނުދެއްވާނެކަމަށް ޔާމީން ވިދާޅުވެފައެއް ނުވާނެކަމަށެވެ.

އަދި ވަޒީފާ ދިނުމުގައި އަތޮޅުތެރޭ ރަށްތަކުގައި ތިބި ޕީޕީއެމްގެ މެމްބަރުން ބާކީ ނުވާނެކަމަށް ވިދާޅުވިނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ މީހުންނަށް ވަޒީފާ ނުދެއްވާނެކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތުތައް ދެން އެޕާޓީން ވެރިކަމަށް އައިސްފިނަމަ ތަނަވަސްކޮށްދެއްވާނެކަމަށެވެ.

ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑް އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެކެވެ،"

ޕީޕީއެމްގެ ބަޔާނުގައި ބުނެއެވެ.

އޭގެ އިތުރުންވެސް އެމަނިކުފާނަކީ ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދެއްވާ ކުޑަ ދުވަސްކޮޅެއް ތެރޭ ރާއްޖޭގެ އިގްތިސޯދަށް އެދެވޭ ރަނގަޅު ބަދަލުތަކެއްވެސް ގެނެސްދެއްވި ލީޑަރެއްކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެއެވެ.

ޕީޕީއެމުން އިތުރަށް ބުނީ ޒުވާނުންނާއި އަލަށް ކައިވެނިކުރާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވުމަށްވެސް ޔާމީން ސަމާލުކަން ދެއްވާކަމަށެވެ. އަދި ބިން ހިއްކައިގެން ރަށްރަށް ބޮޑުކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާ ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވި ހަމައެކަނި ލީޑަރަކީވެސް ޔާމީންކަމަށް ޕީޕީއެމުން އެ ބަޔާނުގައި ބުނެއެވެ.

ހަމައެއާއެކު ރާއްޖެ މިހާތަނަށް ދެކެފައިނުވާ ތަރައްގީ މިގައުމަށް ގެނެސް ދެއްވާފައިވަނީވެސް ރައީސް ޔާމީން، އަދިވެސް އެ ތަރައްގީ މިގައުމަށް ގެނެސްދެއްވާނީ ރައީސް ޔާމީނެވެ،"

ޕީޕީއެމްގެ ބަޔާނުގައި ބުނެއެވެ.

ޕީޕީއެމުން ބުނީ ވަޒީފާ ދިނުމުގައިވެސް ދިވެހި ރައްޔިތުންނަށް ތަފާތު ނުކުރާނެކަމުގެ ޔަގީންކަން އެޕާޓީން ދޭ ކަމަށެވެ.

ޕީޕީއެމުން މިހެން ބުނެ ބަޔާނެއް ނެރުނު ނަމަވެސް، ހުކުރު ދުވަހުގެ ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިދިކޮޅު ލީޑާޝިޕްގެ މެމްބަރެއް ވަނީ އެ ވާހަކަތައް ދިފާއުކުރައްވާ 'ޖަޒީރާ' އާ ވާހަކަދައްކަވާފައެވެ.

ދެން އިންތިހާބުވެއްޖެނަމަ ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް ކުދިން: ރައީސް ޔާމީން

އެ ވާހަކަތަކާއި ގުޅިގެން އެބޭފުޅާ ވިދާޅުވީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި ޕީޕީއެމުން އެދޭ ކުރިއެރުން ރާއްޖެއަށް ގެނެވޭނީ ޕީޕީއެމްގެ މެމްބަރުން އިސް މަގާމުތަކުގައި ތިބެގެންކަމަށެވެ. ނަމަވެސް އެބޭފުޅާ އިޝާރާތްކުރެއްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށްކަމަށް ބެލެވެއެވެ.

ހުކުރު ދުވަހުގެ ބައްދަލުވުމުގައި ރައީސް ޔާމީންވެސް ވަނީ ވަޒީފާ ދިނުމުގައި ޕީޕީއެމްގެ މެމްބަރުންނަށް އިސްކަން ދޭން ޖެހިފައިވަނީ އެއީ ސިޔާސީ ވާދަވެރިކަމާއި މިހާރުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން އެބަޔަކު އަމަލުކުރާ ގޮތަށް އަމަލުކުރަން ޖެހިފައިވާތީވެކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.