ހަންނާންގެ ވިސްނުން: ދާއިރާއަށް ފާގަތިކަން، ސިޔާސީ އިންގިލާބެއް!

ފެއްޓެވީވެސް ރަށު ލޯބި ސިފަކޮށްދޭ ވަރުގަދަ ދުރު ހަދާނަކުންނެވެ. ށ. ކޮމަންޑޫ، ހީރާ، އަބްދުލް ހަންނާން އިދުރީސް ވިދާޅުވީ އޭނާގެ ހަދާނުގައި ކޮމަންޑުއަކީ އަބަދުވެސް ވަރަށް ތަނަވަސް، ފުދިގެން އުޅޭ އަދި އެހާމެ ގުޅޭ އެކުވެރި ބަޔަކު އުޅޭ ރަށެއް ކަމަށެވެ. ރަށުގެ ދިރިއުޅުމުން އޭނާގެ ހިތާއި އެންމެ ގާތް ހަނދާނަކަށް ހުރީ ޅަ އުމުރުގައި މޫސުމީ ރާޅާއެކު ރަށުގެ ދެ ފަރާތުން އުދަ އަރައި ރަށުގެ އެކި ގެތައް ވިއްސި ވިހާލިކޮށްލި ހަދާންތަކެވެ. އިރުވައި މޫސުމުގައި އިރަށް ހުންނަ ގެތައް، ހުޅަނގު މޫސުމުގައި ހުޅަނގަށް ހުންނަ ގެތަކެވެ. ރާޅު އެރުމުން ރަށުގެ އެންމެންގެވެސް ކަމަކީ އެކަތިގަނޑަކަށް ވެގެން، ގެތަށް އަލުން އިމާރާތްކޮށް، ރަށް ހިމާޔަތް ކުރަން އުޅުމެވެ.

އެ މަސައްކަތަށް ބައެއް ފަހަރު ހަފްތާއެއްހާ ދުވަސްވެގެންދާއިރު އެއީ ރަށުގެ ކުދި ބޮޑު އެންމެން ޝާމިލުވާ މަސައްކަތެއްކަމަށް ހަންނާން ކިޔައިދިނެވެ. އަންހެންވެރިންގެ ކަމަކީ ފިރިހެންވެރިންނަށް ކައްކައި ދިނުމާއި ކާ އެއްޗިހި ގެންގޮސްދިނުމެވެ. ފިރިހެނުންގެ މަސައްކަތަކީ އޮތިއްޔާ އޮތް އޮޑިއެއްގައި ކައިރި ސަރަހައްދުތަކުން ގަލާއި އަކިރި ނަގައިގެން އައިސް ގޮނޑުދޮށް ހިމާޔަތްކުރަން ދާ އަޅައި، ގެތައް ރޭނުމެވެ. ކުދިވެރިންވެސް ވެވެން އޮތް ގޮތަކަށް އެހީވެދޭ ހަދާން ހަންނާންގެ އެބަ ހުއްޓެވެ.

ދެން ވަރަށް ފޯރީގަ އެކަންކަން ކުރާނީ. ޓީމު ތަކާއި ކުލަތަކަށް ބަހާލައިގެން ވަރަށް ޖޯޝުގަ ހަމަ ވާދަޔަށް ކުރާނީ. މޮޅުވާ...އެންމެ އަވަހަށް ނިމޭ ޓީމަކަށް ފަރިވަޅުވޭސް ދޭނެ އޭރު،"

މިއަދު ހަންނާން ނިކުމެ އެހުރީ އެ ހަނދާންތަކާއިއެކު އޭނާގެ ލޯބިވާ ރަށާއި، ދެން އެ ދާއިރާގައި ހިމެނޭ ދެ ރަށް ތަމްސީލުކުރުމުގެ އުންމީދުގައި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި އިންތިހާބުވުމުގެ އުންމީދުގައެވެ. ދާއިރާއަށް އޮތް ލޯބި ކިތަންމެ ބޮޑުވިޔަސް ތައުލީމީ ދާއިރާގައި އެތައް ސްކޫލެއްގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރި ހަންނާނަކީ ސިޔާސީ ދާއިރާގައި އަދި އާ މޫނެކެވެ. އެހެންވެ އިންޓަވިއުއިން އަމާޒުކުރި އެންމެ ފުރަތަމަ ސުވާލަކީވެސް ދާއިރާއަށް އާ ކަމުން އޭނާއަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ދޭނެ ރައްދަކީ ކޮބައިތޯއެވެ. އެ ސުވާލަށް ހަންނާން ދެއްވީ އެ ފާޑުކިޔުންތަކުގައި ހަގީގަތެއްވާކަމުގެ ޖަވާބެކެވެ. ހަންނާން ދެއްކެވީ ސިޔާސި ދާއިރާއަށް އާ ނަމަވެސް، އަމިއްލަ ނަފްސާއި ދޭތެރޭ އޮތް ޔަގީންކަމެއްގެ ވާހަކައެވެ.

ރައްޔިތުންނަށް ނުވެފަ ހުރި ކަންބޮޑުވުންތައް ސަރުކާރާ ގުޅިގެން ކުރުން. ކުރިންވެސް ކުރީ ރައްޔިތުންގެ މަސައްކަތް ސްކޫލުތަކުގަ. ރައްޔިތުންނާ ޒުވާނުންނާ ބެލެނިވެރިންނާ އެކުގައި، އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދޭން މަސައްކަތްކުރީ. ވަރަށް އެއްގޮތް މަސައްކަތެއް އެއީ،"

ސްކޫލުތައް މެނޭޖު ކުރުމަކީވެސް ސިޔާސީ ދާއިރާއާ ދުރު މަސައްކަތެއް ނޫންކަމަށް ހަންނާންގެ އަމިއްލަ ނަފްސަށް ގަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެކަނި ތަފާތަކީ ސިޔާސީ ދާއިރާގެ ފުޅާކަމެވެ. ސިޔާސީ މީހެއްގެ ވިސްނުން ހުންނަން ޖެހޭނީ އެޔަށްވުރެ ފުޅާކޮށްކަން ދަންނަކަމަށާއި އަދި އެކަމަށް އޭނާ ތައްޔާރަށް ހުންނެވިކަމަށް ހަންނާން ފަސްޖެހުމެއް ނެތި ވިދާޅުވިއެވެ.

ނަމަވެސް ހަންނާނާއެކު ދެން ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ މޫސާ ފަތުހީ އަދި އެމްޑީޕީގެ މުހައްމަދު ރާޝިދަކީވެސް ސިޔާސީ ދާއިރާއިން ދަސްވެނިވިފައިވާ ފަރާތްތަކެކެވެ. އަދި އެއީ ހަންނާނަށްވެސް ދަސްވެފަ ހުރި މޫނުތަކެކެވެ. އޭގެ ތެރެއިން ރާޝިދަކީ އެއް އިރެއްގައި ހަންނާންގެ ލޮބުވެތި ދަރިވަރެކެވެ. ފަތުހީއަކީ ހަންނާންގެ ވަރަށް ގާތް އާއިލީ ބޭފުޅެއްކަހަލަ މީހެއްކަމަށް ހަންނާން އުފަލާއެކު ވިދާޅުވިއެވެ. އެ ދެބޭފުޅުންނާ ހަންނާނާ ދޭތެރޭ ސިޔާސީ ގޮތުން ތަފާތެއް އޮތްނަމަވެސް މާ ބޮޑު ތަފާތެއް ހަގީގަތުގައި ނެތްކަމަށް ހަންނާން ވިދާޅުވިއެވެ. އެ ދެބޭފުޅުންނަކީވެސް ހަންނާން ދަންނަ އެކުވެރި ދެ ބޭފުޅުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ މަސައްކަތުގައި އޭނާ ހުންނެވީ އެބޭފުޅުންގެ ތަޖުރިބާއަށް ތަންފުކެއްވެސް ދެއްވާ ގޮތަކަށް ނޫންކަމަށް ހަންނާން ވިދާޅުވިއެވެ.

ކެންޑިޑޭޓުންނެކޭ އެއްގޮތަށް ޕާޓީގެ ގޮތުން ބެލިޔަސް، ހަންނާން ނިސްބަތްވާ އެމްއެންޕީއަކީ ދެން ވާދަކުރާ ޕާޓީތަކާ އަޅާބަލާއިރު ޅަފަތުގައި އޮތް ޕާޓީއެކެވެ. ނަމަވެސް އެކަން އެހެން އޮތަސް ހަންނާން ދެކިލައްވާގޮތުގައި އޭނާ ދާއިރާއަށް ކުރިމަތިލެއްވި އެމްއެންޕީ އަކީ ވަރަށް ކެރޭ ޕާޓީއެކެވެ. އުފެއްދިތާ ހަ މަސްވެސް ނުވާ ޕާޓީއަކުން ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދަން ގަދައަޅައި މަސައްކަތް ކުރުމުން، އެ މަސައްކަތުގެ އަސަރުވެސް ސިޔާސީ މަސްރަހުން މިހާރު ފެންނަން ފަށާފައިވާކަމަށް ހަންނާން ވިދާޅުވިއެވެ. ހަންނާނަކީ އެމްއެންޕީއަށް ސޮއިކުރެއްވި އެންމެ ފުރަތަމަ އެއް ފަރާތްވެސް މެއެވެ. އަދި އޭނާ އެމްއެންޕީ އިހްތިޔާރުކުރީ އޭނާއަށް އެމްއެންޕީން ތަފާތުކަމެއް ފެނުމުންކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުވެސް ބަލާނެތާ، ކޮން ޕާޓީއަކުންތޯ އަޅުގަނޑަށް އެންމެ ރަނގަޅު މަސައްކަތެއްކުރެވޭނީ. އެހެން ބަލާއިރު، އެމްއެންޕީގެ ލީޑާޝިޕަކީ އެހާ ސިޔާސީ ދާއިރާގެ ފުންނާބުއުސް ބޭފުޅުން،"

ޕާޓީގައި ތަޖުރިބާކާރު ފަރާތްތައް ތިބެފަ އެފަރާތްތަކަކީ ރާއްޖެއަށް އޭނާ ގެންނަން ބޭނުންވާ ބަދަލު ގެނައުމުގައި ފަސްނުޖެހި އަވަސް ނަތީޖާ ނެރެން ހިފާފައި ތިބި ބައެއްކަމަށް ހަންނާނަށް ޕާޓީގެ ލީޑާޝިޕުގެ ކިބައިން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އެމްއެންޕީ އިހުތިޔާރުކުރީވެސް އެ ސަބަބުތަކަށްޓަކައިކަމަށް އޭނާ ވިދާޅުވިއެވެ. ހަންނާން ދެކިލައްވާ ގޮތުގައި އެމްއެންޕީއަކީ އަލަށް އުފެއްދި ޕާޓީއެއްކަމުން މުޅިން އާ ސަފްހާއެއްގައި ސިޔާސީ ޗާލު ކުރެހުންގަނޑެއް ކުރެހުމުގެ ފުރުސަތު އެޕާޓީއަށް އެބަ އޮތެވެ. އަދި ދާއިރާއަށް ދެން ވާދަކުރާ ބޮޑު ދެ ޕާޓީއާ އަޅާކިޔާލާފައި އެޕާޓީތަކުގެ މައްޗަށް ކުރި ހޯދިދާނެތޯ ސުވާލުކުރުމުންވެސް ހަންނާން ދެއްވީ ޔަގީނުގެ ޖަވާބެވެ. އަދި މިހާރުވެސް އެކަން އެހެން ޕާޓީތަކުން ކެމްޕޭނުކުރާ ގޮތުން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީ ބައި އިލެކްޝަނުގައި ވާދަކުރިމާ ސިހުން ލިބިއްޖެއޭ ހުރިހާ މީހުންނަށްވެސް. އެއީ އޭގެ މާނައަކީ. އެހެންވީމާ ކަށަވަރުންވެސް އެބަ އެނގޭތާ އެމްއެންޕީއަކީ ސިޔާސީ މައިދާނުގައި ވަރުގަދަ ޕާޓީއެއްކަން،"

ކޮންމެ ގޮތަކަށްވިޔަސް މިއަދު ހަންނާން އެހުރީ ސިޔާސީ ދާއިރާގައި ފައިވިއްދާލައިގެންނެވެ. ނަމަވެސް، ސިޔާސީ ދާއިރާއަށް ވަނުމުން ހީނުކުރާހާ ބޮޑު ތަފާތެއް އޭނާގެ ދިރިއުޅުމަސް އައިކަން ހަންނާންއަށްވެސް ދޭހަވިއެވެ. އަދި ސިޔާސީ ދާއިރާއާ ތައުލީމީ ދާއިރާގެ ތަފާތަކީ  ސިޔަސީ ދާއިރާގައި އިންތިހާއަށް މަސައްކަތް ބުރަވުންކަމަށް ހަންނާންއަށް އެނގުނީ ދާއިރާއަށް ވައިން ފަހުންކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ތެރޭގަ އުޅުނީމަ މި އިނގެނީ ވަރަށް ބުރަ މަސައްކަތެއްކަން. ރައްޔިތުންގެ ކަންކަން ކަނުލައި އަޑުއަހައި އެކަންކަން ހައްލުކުރަން މަސައްކަތްކޮށް އެކަމަށް ވިސްނުމަކީ. އޭރާ މިހާރާ އަޅާކިޔަންޏާ ގައިމުވެސް ވަރަށް ބުރަ މަސައްކަތެއް މިއީ،"

އެކަމަކު އަދިވެސް ކުރިން ހުރި އާދައިގެ މީހާގެ ގޮތުގައި މިހާރުވެސް ހުރިހާ އެންމެންނަށް އޭނާއާ ވާހަކަދެއްކޭނެކަމަށް ހަންނާން ވިދާޅުވިއެވެ. ސްކޫލުތަކުގައި މަސައްކަތްކުރިއިރުގެ ތަޖުރިބާއިން މީހުންނާ ގުޅިގެން އުޅެން އޭނާއަށް އެއީ ފަސޭހަކަމެއްކަމަށް ހަންނާން ވިދާޅުވިއެވެ. އަދި ދާއިރާ ބަދަލުވިޔަސް، މީހާއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދާއިރާއަށް ފުރިހަމައަށް ވަދެވަޑައިގެން މިހާރު ހުންނެވި ހަންނާންގެ ދެން އޮތް އަމާޒަކީ ސިޔާސީ ދާއިރާއާ ކޮމަންޑޫ ދާއިރާއަށް ފާގަތިކަމާއި ތަނަވަސްކަން އަދި ފޯރުންތެރިކަން ގެނައުންކަމަށާއި އަދި އެއީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއްކަމަށް ހަންނާން ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމަށާއި ގެސްޓުހައުސް ވިޔަފާރީގައި ހުރި ދަތިތައް އޭނާއަށް ކެމްޕޭނުގެ ތެރެއިން ދަނެގަނެވިފައިވާކަމަށް ހަންނާން ވިދާޅުވިއެވެ. އެކަމުގައި އޭނާއަށްވެސް ކުރެވެން ހުރި މަސައްކަތުން މަސްވެރިންނަށް އެމަސައްކަތުގެ ނަފާ ހޯދައިދެވިދާނެކަން އޭނާ ކުޑަ މިސާލަކަށް ނެންގެވިއެވެ. ހަންނާން ވިދާޅުވި ދާއިރާގެ ރައްޔިތުންނަށް އާމްދަނީ އިތުރުނުވަންޏާ ހިނިތުންވުމެއް ނާންނާނެކަމަށެވެ. އަދި މަޖިލީހަށް ހޮވިއްޖެނަމަ ދާއިރާ ކެރިފޯރުންތެރިކުރުވުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމަށް އޭނާ ވިދާޅުވީ ޖެހިލުމެއް ނެތިއެވެ.

މިސާލަކަށް ކުޑަ އިންޓްރެސްޓުގެ ލޯނެއް ދެވިދާނެ އެބޭފުޅުންނަށް. ދެން އެ މަސައްކަތުން ނަފާ ލިބިގެން އެ ލޯނު އަބުރާ ދެއްކިދާނެ އެބޭފުޅުންނަށް. ވަރަށް ކުޑަ ކުޑަ މިސާލެއް މި ދެންނެވީ،"

ހަންނާން ވިދާޅުވި އެފަދަ ވިސްނުންތަކާހެދި އޭނާއަށް ކޮމަންޑޫ ދާއިރާގައި ވަރަށް ބޮޑު ތާއިދެއް ލިބިފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެ ވިސްނުންތައް ރައްޔިތުން ގަބޫލުކޮށްފައިވާކަމަށާއި އެކަން އޭނާ ދާއިރާގެ ހުރިހާ ގެޔަކަށް ޒިޔާރަތްކުރިކުރުމުން އެނގިފައިވާކަމަށް ހަންނާން ވިދާޅުވިއެވެ. އަދި އެކަމުގެ އަސަރު، ނުވަތަ އޭނާއަށް އޮތް ތާއިދުވެސް އެހެން ޕާޓީތަކުން ކެމްޕޭންކުރާ ގޮތުން އެނގިފައިވާކަމަށް ހަންނާން ވިދާޅުވިއެވެ.

އަޅުގަނޑަށާއި އެމްއެންޕީއަށް ތާއިދު އޮތްވަރު ތިބޭފުޅުން ވިސްނަވާ، ކެމްޕޭން ފެށުމާއެކު ކޮމަންޑޫގައި ބަޖެޓުގަ ހިމަނާފަވެސް ނެތް މަޝްރޫތައް އެ އިއުލާންކުރައްވަނީ. މަތިކޮމަންޑުއާ ކޮމަންޑުއާ ގުޅުވާލަންވެސް އެ އިއުލާންކުރެއްވީ ނޫންތޯ؟"

އެފަދަ 15 އަހަރު ކުރީގެ ވައުދުތަކަށް އޭނާގެ ފަރުވާލެއް ނެތްކަމަށާއި ދާއިރާއަށް ލިބޭ ކޮންމެ ކުރިއެރުމަކަށް އޭނާ މަރުހަބާކިޔާކަމަށް ހަންނާން ވިދާޅުވިއެވެ. ނަމަވެސް އެނާގެ ހަމައެކަނި ކަންބޮޑުވުމަކީ މަސައްކަތް ފަށާފަ އެކަން ހުއްޓާލަފާނެތީވެކަމަށް ހަންނާން ވިދާޅުވިއެވެ. އެއީ ކުއްލިއަކަށް އެގޮތަށް ފަށާ މަޝްރޫއަކުން ސަރުކާރަށްވެސް މާލީ ދަތިކަމާއި ކުރިމަތިވާނެތީވެކަމަށް ހަންނާން ވިދާޅުވިއެވެ. ނަމަވެސް އެއީ މިއަދު ރައްޔިތުން ހަންނާންގެ "އަތުގައި ހިފި ސަބަބު" ކަމަށް އޭނާ ދެކެއެވެ. އެއީ ރައްޔިތުންނަށް އެކި ސަރުކާރުތަކުން އޮޅުވާލާ ދޮގު ހަދާ ފޫނެތް ވައުދުތަކެއް ވާތީވެ އިންތިހާބުވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރެވޭނެކަމަށް ހަންނާން ވިދާޅުވިއެވެ.

ދާއިރާގެ ކޮންމެ ގެޔަކަށް ދިޔައިން. ކޮންމެ ގެޔަކުންވެސް ވަރަށް ހިނިތުންވުމާއެކީ މަރުހަބާކީ އަޅުގަނޑުމެންނާ. ރައްޔިތުންގެ އަމަލާއި ބަހުންވެސް އަޅުގަނޑުމެން ހަމަ ވަރަށް ބޮޑު ތަފާތަކުން މޮޅުވާނެކަމަށް އުންމީދުކުރަނީ،"

ރައްޔިތުންނަށް އޭނާ އެކުރާ އިތުބާރުން އޭނާ މަޖިލީހަށް ހޮވިއްޖެނަމަ، ކޮރަޕްޝަނާއި ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި މުޅި ރާއްޖެއަށްވެސް ފައިދާ ހުރި ގޮތަށް އޭނާ މަސައްކަތްކުރައްވާނެކަމަށް ހަންނާން ވިދާޅުވިއެވެ. އެގޮތުން ވަކި މޫނަކަށް ކަނދުރާއަކަށް ނުބަލާނެ މެމްބަރަކަށް އޭނާ ވާނެކަމަށް ހަންނާން އަޒުމާއެކު ވިދާޅުވިއެވެ. ކޮމަންޑޫ ދާއިރާގެ މެމްބަރަށްވީނަމަވެސް، ރާއްޖޭގެ ހުރިހާ ގާނޫނެއްގައި އޭނާގެ އަތެއްވާނެކަން އެނގިވަޑައިގަންނަވާކަމަށް ހަންނާން ވިދާޅުވިއެވެ. ނަމަވެސް ހަންނާން ވިދާޅުވީ މައްސަލަ އުޅެނީ ގާނޫނުގައެއް ނޫނެވެ. އަދި އެއީ ތަންފީޒުކުރުމުގައި ހުރި މައްސަލައެއްކަމަށް ހަންނާން ވިދާޅުވިއެވެ.

ކޮންމެވެސް ޕްރެޝާތަކެއް އައިސްގެން ހުއްޓެނީ. އެހެން ވާތަން ފެންނަނީ. އަޅުގަނޑަކީ އެކަހަލަ މީހަކަށް ނުވާނެކަން އަޅުގަނޑު ޔަގީންކަން ދެން،"

ބޯހިޔާވަހިކަމުގައިވެސް ހަންނާން ވަނީ ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭން އުޅުމަށް މަސައްކަތްކުރަން އޭނާގެ ވިސްނުން ހުރިކަމަށް ވިދާޅުވެފައެވެ. ހަންނާން ވިދާޅުވީ އެފަދަ އެތައް މައްސަލައަކަށް ވިސްނުން އެއީ އެއީ އޭނާ ކުރިން އިޝާރާތްކުރި ސިޔާސީ ދާއިރާގެ މަސައްކަތް ފުޅާވާ ފުޅާވުންކަމަށް އޭނާ ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ އޭނާގެ ދަތުރުތަކުގައި އޭނާއަށް ރާއްޖޭގެ އަދި ދާއިރާތަކުގެ ރައްޔިތުންވެސް އުޅޭ ހާލު ފެނިފައި އެކަމާ ދެރަވާކަމަށެވެ. އަދި އޭނާއަކީވެސް އެފަދަ އެއް ރައްޔިތެއްކަމަށް ހަންނާން ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ސަރުކާރަކުންވެސް އައިސް ފޮނި އުންމީދުތަކެއް ދައްކައި އެތައް ދަޅަތަކެއް ދައްކާ ދެއްކުން ނިމުމަކަށް ގެންނަން ޖެހިފައިވާކަމަށް ހަންނާން ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ އޭނާއަކީ ދާއިރާގެ ރަށްތައް ދެކެ އިންތިހާއަށް ލޯބިވާ މީހަކަށްވީނަމަވެސް، މިހާރު ދާއިރާގެ ރަށްތަކުގެ މީހުން ދިރިއުޅެނީ ކުރިޔަށްވުރެންވެސް ހާލުގައިކަމަށް އޭނާއަށް ފެންނަ ކަމަށެވެ. އަދި އެކަންކަން ބަދަލުކުރުމަށް އޭނާއަށް ފުރުސަތެއް ދިނުމަށް ހަންނާން ދާއިރާގެ ރައްޔިތުންނަށް ފަހު މެސެޖެއްގެ ގޮތުގައިވެސް ގޮވާލިއެވެ. އެކުވެރި ކޮމަންޑޫގައި އެއް އިރެއްގައި ތަނަވަސް ދިރިއުޅުމެއް ރައްޔިތުން އުޅުނު ހަދާން އޭނާގެ އަދިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރަށްވުރެންވެސް ކުރިޔަށް ދިޔުމަށް އޭނާ މިހާރު ހުރީ އަތް އޮޅާލައިގެން މަސައްކަތްކުރަން ތައްޔާރަށްކަމަށް ހަންނާން ވިދާޅުވިއެވެ.

ވަރަށް ތަނަވަސް ރަށެއް އެއީ (ކޮމަންޑުއަކީ). އެއްވެސް ކަމެއް ނުވާހެން އިހުސާސެއް ނުވާނެ. އަޅުގަނޑުމެން މިތިބީ އަލުން އަނބުރާ ހޯދަދޭން އެކަންކަން. އެހެންވީމާ އަޅުގަނޑުމެންނާ އެކީ ކުރިޔަށްދަމާ ހިނގާށޭ އެއީ ފަހު މެސެޖަކީ ހަމަ،"

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %