ށ. ފޯކައިދޫގައި ފެނަކަ ކޯޕަރޭޝަނުން އެޅި އާ އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ ދުވަސްތެރޭ އާ އިންޖީނުގެ ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން "ޖަޒީރާ" އަށް މައުލޫމާތު ދެމުން ބުނީ، ފޯކައިދޫގެ އާ އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާތީ، ދެ ދުވަސްތެރޭގައި ބާ އިންޖީނުގެ ނިވާލައި، ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ. އަދި އެއާއެކު އެރަށުގައި އަލަށް އެޅި އިންޖީނުގެ ބޭނުން ކުރަން ފަށާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އާ އިންޖީނުގެ އިމާރާތްކުރި ސަރަހައްދަކީ ރަށުގެ އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރު ސަރަހައްދެއްކަމުން ކުރިން އާންމުން ދިރިއުޅޭ ސަރަހައްދާއި ކައިރީގައި ހުރި އިންޖީނުގޭގެ ސަބަބުން އާންމުންނަށް ކުރިމަތިވި އުނދަގޫތަކަށްވެސް ނިމުމެއް އަންނާނެކަމަށް ފެނަކައިން ބުނެއެވެ.
ފޯކައިދޫގައި ކުރިޔަށް ގެންދިޔަ އެ މަޝްރޫއަކީވެސް އިންޖީނުގެ އާންމުން ދިރިއުޅޭ ސަރަހައްދުން ދުރުގައި އިމާރާތްކުރުމަށް އަމާޒުކޮށް ހިންގި މަޝްރޫއެކެވެ. ފޯކައިދުއެކޭ އެއްފަދައިން ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ވެސް އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ގެންދިއުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ.
އެގޮތުން މި މަސްތެރޭގައި ށ. ކޮމަންޑޫ އިންޖީނުގެވެސް ވަނީ އެރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކޮށްފައެވެ. އެއާއެކު އިންޖީނުގޭގެ އަޑުގަދަކަމުން އެރަށުގެ ރައްޔިތުންނަށް ދިމާވަމުން ދިޔަ ގިނަ އުނދަގޫތަކަށް ހައްލެއް ލިބިގެންދިޔައެވެ.
ފެނަކައިން މީގެ ކުރިން ވަނީ އެ ކުންފުނިން އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ބަދަލުކުރަން ކުރާ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށް ބުނެފައެވެ.