ރޭ ހުޅުމާލޭގައި ހުންނަ ސިފައިންގެ ފްލެޓްތައް ކައިރީގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކޮށް، އަލިފާންގަނޑު މެންދަމު 1 ޖަހާކަންހާއިރު ނިވާލެވިފައިވާކަމަށާއި ނަމަވެސް ހާދިސާ އެތަނުގައި ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހޯދިފައި ނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ރޭ ސިފްކޯ ފްލެޓްތައް ކައިރިން އޮންނަ ހުސް ބިމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެންމެ ފުރަތަމަ ރިޕޯޓުކުރީ 22:30 ހާއިރުއެވެ. އެ ސަރަހައްދުގައި އަލިފާން ވަރަށް ބޮޑަށް ފެތުރިފައިވާތަން ވީޑިއޯ އަދި ފޮޓޯތަކުން ދައްކައެވެ. އަލިފާން ރޯވެފައިވަނީ ހުސްބިމުގައި ހުރި ކުނިތަކެއްގައިކަމަށް އެމްއެންޑީއެފުން އޭރު ބުނިއެވެ.
އެމްއެންޑީއެފުން ގާތްގަނޑަކަށް ގަޑިއިރެއްތެރޭ އަލިފާނުގެ 90 ޕަސަންޓު ކޮންޓްރޯލްކުރިނަމަވެސް، އަލިފާންގަނޑު މުޅިން ނިވާލައި ސީން ދޫކޮށްލެވޭވަރުވީ ރޭ މެންދަމު 1 ޖަހާކަންހާއިރުއެވެ. އެއީ އެ ސަރަހައްދުގައި ދުމާއި ހޫނުގެ އަސަރު ހުރުމުން ކުދި ކުދި އަލިފާންގަނޑުތައް އަނެއްކާވެސް ފެތުރެމުންދިޔުމުންކަމަށް އެމްއެންޑީއެފުން ރޭ މައުލޫމާތު ދިނެވެ.
ހާދިސާ މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފަށް ކަށަވަރުކޮށް ބުނަން ނޭނގޭއިރު، މީގެ ކުރިންވެސް ހުޅުމާލޭގައި ބައެއް ސަރަހައްދުތަކުގައި ހުންނަ ހުސްބިންތަކާއި ކުނިގަނޑުތަކުގައި އަލިފާނުގެ ހާދިސާ ހިނގާކަން ފާހަގަކުރެވެއެވެ. ވަކިން ހާއްސަކޮށް އަލަށް މީހުން އާބާދުވާން ފެށި ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި މީގެ ކުރިން އެފަދަ ދެ ތިން ހާދިސާއެއް ވަނީ ހިނގާފައެވެ.
ރޭގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވިނަމަވެސް، މުދަލަކަށް ގެއްލުން ނުވާކަމެއް އެމްއެންޑީއެފުން އަދި ކަށަވަރުނުކޮށްދެއެވެ. އެ ސަރަހައްދަކީ މަގުމައްޗާއި ކައިރި ސަރަހައްދަކަށްވުމުން، މަގުމަތީގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ޕާކުކޮށްފައި އޮތްތަން ފޮޓޯ އަދި ވީޑިއޯއިން ވަނީ ފެނިފައެވެ. އަލިފާންގަނޑު ރޯވުމާއެކު ބައެއް ވެހިކަލްތައް ވަނީ އޭރު އެ ސަރަހައްދުން ދުރުކޮށްފައެވެ.