ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ރޭ 12:24 ހާއިރު އުމުރުން 50 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ އދ. ދަނގެތި ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އެއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 272 ވަނަ މީހާއެވެ. ރާއްޖޭގައި މިހާރު ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެފައިވާއިރު މިފަހުން ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ވަނީ ހަތަރު މީހަކު ކޮވިޑު ބަލީގައި މަރުވެފައެވެ.
ރާއްޖޭގައި މިހާރު ދަނީ ދުވާލެއްގެ މައްޗަށް 2،000 އަށް ވުރެ ގިނަ އާ ކޭސް ރިޕޯޓުކުރަމުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮވިޑުގެ އޮމިކްރޯން ވޭރިއެންޓްވެސް މިހާރު ދަނީ ފެންނަމުންނެވެ.