ރާއްޖެއިން މިއަދު އިތުރު 2،609 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ފެނުނު އާ ކޭސްތަކާއެކު މިހާރު އެކްތިވް ކޭސްތައް 16،666 އަށް އަރާފައިވީނަމަވެސް ހޮސްޕިޓަލުގައި ބައްޔަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 57 މީހަކަށެވެ.
މިއަދު ފެނުނު ކޭސްތަކަކީ 7،584 ސާމްޕަލްއިން ޕޮޒިޓިވްވި ކޭސްތަކެކެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 3،963 ސާމްޕަލް ނެގިއިރު، މާލެއިން ވަނީ ޖުމްލަ 1،427 މީހަކު މިއަދު ޕޮޒިޓިވްވެފައެވެ. މާލޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު އަދިވެސް ހުރީ 36 ޕަސަންޓުގައެވެ.
އަތޮޅު ތެރެއިން މިއަދު 783 ކޭސް ފެނުނުއިރު ރިސޯޓުތަކުންވެސް ވަނީ 109 ކޭސް އަލަށް ފެނިފައެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 122،777 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ހުރީ 105،827 ގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮވިޑުގެ ކޭސްތައް އިތުރުވެފައިވަނީ ކޮވިޑުގެ އާ ވޭރިއެންޓްކަމުގައިވާ އޮމިކްރޯންގެ ސަބަބުންކަމަށް ބެލެވެއެވެ. ނަމަވެސް ރާއްޖޭގައި އާންމުންނަށް މި މަސް ތެރޭ ވަނީ ކޮވިޑާއި ދެކޮޅަށް ރައްކާތެރިކަން ދޭ ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލާފައެވެ.