ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެންޑިޑޭޓުންގެ މެދުގައި މިރޭ އޮތް މަޖިލިސް ބަހުސްގައި އިންތިހާބު ކާމިޔާބުވެއްޖެނަމަ ކޮރަޕްޝަން ހުއްޓުވުމަށް ކެންޑިޑޭޓުން ގެންގުޅުއްވާނެ ތަސައްވުރާއި ދާއިރާގެ ރައްޔިތުންނަށް ކޮށްދޭން ރާވާފައިވާ ކަންކަމާއި އެ ކެންޑިޑޭޓެއްގެ ގާބިލިއްޔަތުކަމާއި ދޭތެރޭ ގިނަ ވާހަކަތަކެއް ތިން ކެންޑިޑޭޓުންވެސް ދައްކަވައިފިއެވެ.
ނިއުސް ހޯސްޓް އަބްދުﷲ މުއާޒް މޮޑަރޭޓްކުރެއްވި އެ ބަހުސް ޕީއެސްއެމުން މިރޭ ކުރިޔަށްގެންދިޔައިރު މުއާޒް ވަނީ ދާއިރާއަށް ކުރިމަތިލާފައިވާ ތިން ކެންޑިޑޭޓުންކަމުގައިވާ ޕީޕީއެމްގެ މޫސާ ފަތުހީ، އެމްޑީޕީގެ މުހައްމަދު ރާޝިދު އަދި އެމްއެންޕީގެ އަބްދުލް ހަންނާން އިދުރީސާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޮރަޕްޝަނުގެ މައްސަލަ ހައްލު ކުރުމަށް މަޖިލީހުގެ ތެރެއިން ކުރައްވަން ގަސްދުކުރާ ކަންކަމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ތިން ކެންޑިޑޭޓުންވެސް ވަނީ ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ. އަދި ބައެއް ކެންޑިޑޭޓުން ވަނީ އެކަކު އަނެކަކަށް އެ ސުވާލާއި ގުޅިގެން ފާޑުވެސް ކިޔައިފައެވެ.
ކަންކަން އިސްލާހު ނުކުރެވޭނަމަ އިސްތިއުފާ ދޭނަން
އެމްޑީޕީގެ ފަރާތުން ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ރާޝިދު އެ ސުވާލުގެ ޖަވާބުގައި ވިދާޅުވީ މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް އިންތިހާއަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.
އަދި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ވުޒާރާތަކަށް ދީފައިވީނަމަވެސް އެކަށީގެންވާގޮތަށް މަސައްކަތް ނުކުރާނަމަ އެ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރުކުރުވައި މަގާމުން ދުރުކުރަން އޭނާ ތާއިދުކުރާ ކަމަށެވެ.
ރާޝިދު ވިދާޅުވީ ނިމިދިޔަ ޕީޕީއެމްގެ ސަރުކާރަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށެވެ. އަދި އޭރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ނުދެއްވީ ކީއްވެތޯވެސް ސުވާލު ކުރެވޭ ކަމަށެވެ. އަދި މިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރުވެސް އިދިކޮޅު ޕީޕީއެމުގެ ފަރާތްތައް ފިނި ކޮޓަރީގައި އަޅާނުލާ ތިއްބެވީކަމަށް ރާޝިދު ތުހުމަތުކުރެއްވިއެވެ.
މަޖިލީހުގެ ގޮނޑީގައި އިންނަވައިގެން ރާޝިދު ވިދާޅުވީ އޭނާއަށް ކަންކަން އިސްލާހު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ކެމްޕޭން ކޮށްދެއްވަނީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ މީހެއް
ކޮރަޕްޝަންގެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް މޫސާ ފަތުހީ ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީގެ ކެމްޕޭނުގައި ރާޝިދަށް ވޯޓު ހޯދައިދިނުމަށްޓަކައި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ވަޒީރަކު ގަދައަޅައި މަސައްކަތް ކުރައްވާކަމަށެވެ.
ސަރުކާރަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުން އޭނާ ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ފަތުހީ އިޝާރަތްކުރެއްވި މިނިސްޓަރު މަހުލޫފްގެ މައްސަލަ މިހާރު ޝަރީއަތުގެ މަރުހަލާގައި އޮތް ކަމެވެ.
އޭގެ އިތުރުންވެސް ފަތުހީ ވަނީ ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ އެއްވެސް އަސަރެއް ނެތްކަމަށް މިރޭ ވިދާޅުވެފައެވެ.
ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދޭނަމޭ ބުނެ އައި ސަރުކާރުގެ ހާލަތު މިއޮތީ ފެންނަން،"
ފަތުހީ އިތުރަށް ވިދާޅުވީ މިއަދު ގައުމުގެ ކޮރަޕްޝަނުގެ ހާލަތު މިހާރު 10 ގުނަ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މި ސަރުކާރު މިއޮތްގޮތަށް އޮވެ ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަކީ ވާނެކަމެއް ނޫން ކަމަށާއި ވެންޓިލޭޓަރު ހިޔާނާތާއި ރައްޔިތުންގެ ކަންބޮޑުވުން އޮތް "މެޑިކަލް މާފިއާ" ގެ މައްސަލަތައްވެސް ސަރުކާރަށް ނުބެލޭކަން ފަތުހީ ފާހަގަކުރެއްވިއެވެ.
ފަތުހީ ވަނީ މިހާރު ކަންކަން އޮތް ގޮތާއި ދޭތެރޭ ރައްޔިތުން ހިތްހަމަޖެހޭތޯވެސް ސުވާލު އުފައްދަވައިފައެވެ.
އަދި ދާއިރާގެ ރައްޔިތުންގެ ލޯތްބާއެކު އިންތިހާބުވެއްޖެނަމަ މަޖިލީހުގައި ހަމައެކަނި ސްވިޗަކަށް ފިއްތަން އިންނަ ފަރާތަކަށް އޭނާ ނުވެ ކަންކަން ބަދަލުކުރައްވާނެ ފަތުހީ މިރޭ ވިދާޅުވިއެވެ.
އޭސީސީ މެންބަރުންނަށް ނުފޫޒު ނުފޯރުވޭނެހެން ބާރުތައް ދޭނަން
ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް ވިދާޅުވީ ކޮރަޕްޝަނަކީ ޒަމާނުއްސުރެ ހައްލެއް ލިބިފައިނުވާ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުގައި ވަރަށް ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ވާހަކަ އަޑުއިވެމުންދާއިރު، މި ސަރުކާރު އައީ އެކަންކަމަށް ހައްލު ގެނައުމަށް ވައުދުވެގެން ކަން އޭނާ ފާހަގަކުރިއެވެ.
ނަމަވެސް މި ސަރުކާރަށްވެސް ތަފާތެއް ދެއްކިފައިނުވާތީވެ އޭނާ ގޮވާލީ އަލަށް އުފެއްދި އެމްއެންޕީއަށް ދާއިރާގެ ރައްޔިތުން ދެން ވޯޓު ދިނުމަށެވެ.
އަޅުގަނޑަށް ފެންނަނީ މިހާރުވެސް އެކަންކަން އެހެންވަމުންދާތަން،"
ހަންނާން ފާހަގަކުރެއްވީ މިހާރުވެސް އޭސީސީގައި އެއްވެސް މެމްބަރަކު ނެތް ކަމަށެވެ. އަދި އެ މެމްބަރުން އިސްތިއުފާދޭން ދިމާވަނީ ކޮންމެވެސް ހިސާބަކުން ނުފޫޒު ފޯރާތީ ކަމަށެވެ.
ހަންނާން ވިދާޅުވީ އޭނާ އިންތިހާބުވެއްޖެނަމަ މަޖިލިހުގައި ގާނޫނުތަކަށް އިސްލާހު ހުށަހަޅައިގެން އޭސީސީގެ މެންބަރުންނަށް ފުރިހަމަ އިހްތިޔާރާއި ބާރުލިބޭގޮތަށް ގާނޫނު ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބަހުސްގައި ކެންޑިޑޭޓުން އިތުރަށް ދެއްކެވި ވާހަކަތަކަށް ބަލާލާއިރު ފަތުހީ ވަނީ ސުޕަމެޖޯރިޓީއެއް އޮތް އެމްޑީޕީއަށް އިތުރު މަޖިލިސް ގޮނޑިއެއް ދީގެން ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.
ފަތުހީ ވިދާޅުވީ އޭނާ އިންތިހާބުވެއްޖެނަމަ ކުރިއާއި މިހާރުގެ ވައުދުތައް ފުއްދުމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ފަރާތެއްކަން އޭނާ ފާހަގަކުރިއެވެ.
އަދި ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދޭކަމަށް އެމްޑީޕީން ބުނާ ބުނުން ދޮގުކޮށް ފަތުހީ ވަނީ އޭނާގެ މަސައްކަތްވެސް އޭގެ ތެރޭގައި ހިމެނޭ ބައެއް މަސައްކަތްތައް މިރޭ ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ދާއިރާގެ ރަށްރަށުގައި ޕޮލިސް ސްޓޭޝަން އަޅައިދިން ނުކުތާއެއް އޭނާ ފާހަގަކުރެއްވިއެވެ.
ބަހުސްގައި ރާޝިދު ވަނީ ހަމައެއާއެކު ދާއިރާގެ ރަށްތަކުގައި މަޝްރޫއުތައް ހިންގާކަން ފާހަގަކުރައްވައި އެހެން ކެންޑިޑޭޓުން ހިތްހަމަނުޖެހުން އެމްޑީޕީއަށް އޮތީ މަޝްރޫއުތައް ހިންގާތީތޯ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން އެ ދާއިރާގެ ރަށްތަކަށް އިހުމާލުވެފައި އޮތްއޮތުން މި ސަރުކާރުން ބަދަލުކޮށްފައިވާކަމަށެވެ.
އަދި އޭނާއަކީ ސަރުކާރުގެ ކެންޑިޑޭޓްކަން ހަދާންކޮށްދެއްވަމުން އޭނާ ވަނީ އެމްޑީޕީން ރައްޔިތުންނަށް ވާ ވައުދުތައް އަބަދުވެސް ފުއްދާނެކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުންވެސް ރާޝިދުވެސް ވަނީ އޭނާއަކީ ދިގު މުއްދަތަކަށް ސަރުކާރަށާއި ރައްޔިތުންނަށް ހިދުމަތްކޮށްދިން ފަރާތެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އޭނާއަކީ ދާއިރާއަށް ހިދުމަތްކޮށްދޭން ހުރި އެންމެ ރަނގަޅު ކެންޑިޑޭޓްކަމަށް ރަޝިދު މިރޭގެ ބަހުސްގައި ފާހަގަކުރެއްވިއެވެ.
އެމްއެންޕީގެ ފަރާތުން ވާދަކުރާ ހަންނާން ވިދާޅުވީ އޭނާއަކީ ސިޔާސީ ދާއިރާއަށް އާ ބޭފުޅަކަށްވިޔަސް ދާއިރާގެ ތިން ރަށުގެ ހުރިހާ ގެޔަކަށް ޒިޔާރަތްކޮށް ހުރިހާ ރައްޔިތުންނާ ބައްދަލުކޮށް އެ މީހުންގެ ވާހަކަތަކާއި ޝަކުވާތައް އޭނާ އަޑު އަހާފައިވާކަމަށް މިރޭ ވިދާޅުވެފައެވެ. އަދި އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތައް އޭނާއަށް އެނގޭތީ އެކަންކަން ހައްލުކޮށްދޭންވެސް އޭނާގެ ތައުލީމީ ދާއިރާގެ ތަޖުރިބާއިން މަސައްކަތް ކުރައްވާނޭކަމަށް ހަންނާން ވިދާޅުވިއެވެ.
ދާއިރާގެ ތިން ކެންޑިޑޭޓުންވެސް މިރޭ ގިނަ ވާހަކަތަކެއް ދެއްކިއިރު، އެންމެ ބޮޑަށް ބަހުގެ ހަމަލާތައް އަދި ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ ބޮޑު ދެ ޕާޓީ ޕީޕީއެމް އަދި އެމްޑީޕީގެ ދެ ކެންޑިޑޭޓުންގެ ދެމެދުގައެވެ. ކޮމަންޑޫ ދާއިރާގެ އިންތިހާބު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހަށެވެ.