މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ އެމްބިއުލާންސެއްގެ ޑްރައިވަރަކު އެމްބިއުލާންސް ދުއްވަމުން ފޯނުން ވާހަކަދައްކަމުން ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 'ޖަޒީރާ' ގެ ފޮޓޯ ޖާނަލިސްޓަކު އެ ޑްރައިވަރު ފޯނުގައި އިނދެ އެމްބިއުލާންސް ދުއްވާތަން ފެންނަ ފޮޓޯ ނެގި ހިސާބުންނެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެމްބިއުލާންސް ޑްރައިވަރު މާލޭގެ ރިންގް ރޯޑުގައި އެމްބިއުލާންސް ދުއްވަމުން ދިޔައީ ފޯނުން މީހަކާއި ވާހަކަދައްކަމުންނެވެ.
އަދި އެމްބިއުލާންސް ދުއްވަމުން ޑްރައިވަރު ފޯނާ ކުޅެމުންދިޔަ ވަގުތު މަގުމައްޗަށް ސަމާލުކަން ނުދީ ދާ މަންޒަރުވެސް ފޮޓޯއިން ފެނެއެވެ. ފޮޓޯ ނަގާފައި ވަނީ ހަވީރުގެ ވަގުތެއްގައި ކަމުން އެއީ މަގުމަތީގައި ދުއްވާ އެއްޗެހި ގިނަ ވަގުތެއްކަން ފާހަގަކުރެވެއެވެ.
އެމްބިއުލާންސް އެވަގުތު ދިޔައީ ބަލި މީހެއް ގޮވައިގެން ނޫންކަމެއް ސާފެއް ނުވެއެވެ. އަދި ދަތުރުކުރަމުންދިޔައީ ކޮން ތަނަކަށް ކަމެއްވެސް ސާފެއް ނުވެއެވެ. ނަމަވެސް މަގުމަތީގައި ފޯނާއި ކުޅެމުން ދުއްވާ އުޅަނދު ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާއި ގާނޫނާއި ހިލާފް ކަމެކެވެ.
އަދި ވަކިން ހާއްސަކޮށް އެމްބިއުލާންސްފަދަ އުޅަނދެއްގެ ޑްރައިވަރަކު އެފަދަ ގޮތަކަށް އަމަލުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަންވެސް ފާހަގަކުރެވެއެވެ.
އެ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އެ ފޮޓޯ ގެނެސް، މިނިސްޓްރީއާ ސުވާލުކުރުމުން އެ މިނިސްޓްރީން ބުނީ ފޯނާއި ކުޅެމުން އެމްބިއުލާންސް ދުއްވި ޑްރައިވަރަށް މިހާރު ނަސޭހަތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގައި އިތުރަށް އަމަލުކުރަން ވިސްނާ ގޮތެއް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
މާލެ އަދި ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް ފޯނާއި ކުޅެމުން ނުވަތަ ފޯނުގައި އިނދެ ސައިކަލް އަދި ކާރު ފަދަ އުޅަނދުތައް ދުއްވުމަކީ ވަރަށް ގިނައިން ފާހަގަވާ ކަމެކެވެ. އަދި އުޅަނދު ދުއްވާއިރު، ހެޑްސެޓް ފަދަ އާލާތްތައް ބޭނުންކުރާކަންވެސް ފާހަގަކުރެވެއެވެ. އެފަދަ މައްސަލަތަކުގައި ފުލުހުން ފިޔަވަޅު އަޅައި ޖޫރިމަނާކުރިނަމަވެސް، އަދިވެސް އެފަދަ ކަންކަން ނުހުއްޓުވެއެވެ. އަދި އެފަދަ އަމަލުތަކާއި ހެދި ބައެއް ފަހަރު ނުރައްކާތެރި އެކްސިޑެންޓްތައްވެސް ހިނގާފައި އެބަ ހުއްޓެވެ.