(ވ-ކ) އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ: އަވަސް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްފަހު ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން މަގާމަށް ހުޅުވާލަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ޗެއާޕާސަންގެ މަގާމުގެ ދައުރު ހަމަވާގޮތަށް އޮތީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ. އެޔަށްފަހު އެމްޑީޕީން އެ މަގާމަށް ކުރިމަތިލާން ހުޅުވާލާނެއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް 'ޖަޒީރާ' އަށް ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ކަންކަން އެކަމަށްޓަކައި އޮންނަ އުސޫލުގެ ތެރެއިން އެމްޑީޕީން ކުރިޔަށް ގެންދާނެ ކަމަށެވެ.

ނަމަވެސް މި ދުވަސްވަރަކީ ގައުމީ އިންތިހާބެއްގެ ދުވަސްވަރުކަމުން ޕާޓީގެ މައި އަމާޒު މިވަގުތު އޮތީ ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރުމަށްކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އިންތިހާބަށްފަހު ޗެއާޕާސަންގެ މަގާމުގެ ކަންކަމަށް އެމްޑީޕީން އިއުލާންކުރާނެކަމަށެވެ.

މިވަގުތު އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާ ހަސަން ލަތީފް އެ މަގާމަށް އިންތިހާބުވެވަޑައިގަތީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ދައުރަކީ ޕާޓީގެ އެތެރޭގައި ހިނގާ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވާ ބެލެހެއްޓުމެވެ.

އޭގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސްއާއި ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން އަދި ދާއިރާތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބުތައް އިންތިޒާމުކޮށް ހިންގުންވެސް ހިމެނެއެވެ. އަދި ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތުތައްވެސް އުފުލާނީ ޕާޓީ ޗެއާޕާސަންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.