ކޮރަޕްޝަންގެ މިންވަރު ކުޑަކޮށް ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފަސް ކަމެއް ސަރުކާރަށް ހުށަހަޅައިފިއެވެ.
2021 ގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގެ ނަތީޖާ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން މިއަދު ނެރެފައިވާއިރު ދިވެހިރާއްޖެ ވަނީ ތިން ޕޮއިންޓް ދަށަށް ޖެހި ގައުމު ތަކުގެ ރޭންކިންގްސް އިން 10 ގިންތި ދަށަށް ވެއްޓިފައެވެ. މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
ސީޕީއައި ގެ ނަތީޖާއަށް ރިޔާޔަތްކޮށް، ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ވަނީ ކޮރަޕްޝަންގެ މިންވަރު ކުޑަކޮށް ސިޔާސީ ކަންކަމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ގޮވާލާފައެވެ. މި ގޮވާލުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ތަކުރާރުކޮށް، ފަސް ހުށަހެޅުމެއް ދިވެހި ސަރުކާރަށް ވަނީ ހުށައަޅާފައެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ސަރުކާރަށް ހުށައެޅި ހުށައެޅުންތައް:
- ޔުނައިޓެޑްނޭޝަންސް ކޮންވެޝަން އެގެއިންސްޓް ކޮރަޕްޝަންގެ ދަށުން ސަރުކާރުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް އެކަންކަން ހާސިލްކުރުން. އަދި ކޮރަޕްޝަން ހުއްޓުމުގެ ފިޔަވަޅުތައް އަޅާ، އެފަދަ އަމަލުތައް މޮނިޓަރކޮށް، ވެރިފައި ކުރުމުގެ ނިޒާމު ހަރުދަނާކުރުން. އަދި މިކަމުގައި ކުރާ މަސައްކަތް އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރުން.
- ސަރުކާރުގެނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ކަމާބެހޭ މުހިންމު މައުލޫމާތު ވަގުތުން ވަގުތަށް ހިއްސާކޮށް، ކޮރަޕްޝަނާއި ރައްޔިތުންގެ ފައިސާއާއި ވަސީލަތްތައް ހަރަދުކުރާ ގޮތާ ގުޅޭ މުހިންމު މައުލޫމާތުތައް ޝާއިއުކޮށް އެ މައުލޫމާތުތައް ފަސޭހަކަމާއެކު ބެލޭނެގޮތެއް އެކުލަވާލެވިފައިވާކަން ކަށަވަރުކުރުން
- ހާމަކަންބޮޑުކޮށް، ވަގުތުން ވަގުތަށް މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމަށް ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް ސަރުކާރުގެ މުއައްސަސާތަކުގައި އިތުރުކުރުން. އަދި، އެންޓި ކޮރަޕްޝަނަށް މަސައްކަތްކުރާ މުއައްސަސާތަކަކީ އެކަށީގެންވާ ފަންޑާއި، ވަސީލަތްތައް ލިބި، އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގެ މިނިވަންކަން ލިބިފައިވާ މުއައްސަސާތަކެއްކަން ކަށަވަރުކުރުން. އަދި، އެމުއައްސަސާތަކުގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުމާއި ބިރުދެއްކުން ހުއްޓުވުން.
- ޑިމޮކްރަސީ ހިމާޔަތްކޮށް މަދަނީ މާހައުލު ރައްކާތެރިކުރުމަށް، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު އަދި ވިސްލްބްލޯ ކުރާފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު ފަދަ ގާނޫނުތަކަށް ފުރިހަމައަށް އަމަލުކުރުން ފެށުމާއި ތަންފީޒުކުރުމުގެ އިތުރުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް، ސަރުކާރު ހިމެނޭހެން، ޒިންމާދާރު ކުރެވޭނޭ ގޮތްތައް މަގުފަހިކުރުން.
- އެސެޓް ޑިކްލަރޭޝަން ނިޒާމު ވަރުގަދަކޮށް ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރުކުރުވާ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ނައްތާލުން.
މީގެ އިތުރުންވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެންބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުސްކަމެއް މިވަގުތު އުފެދިފައިވާތީ، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ވީ އެންމެ އަވަސް ގޮތެއްގައި އާ މެންބަރުން ކޮމިޝަނަށް އައްޔަންކޮށް އޭސީސީގެ ޕަފޯމަންސް އޮޑިޓްގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ފުރިހަމަށް ރިއާޔަތްކޮށް އެކަންކަމަށް ހައްލެއްހޯދުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.