2021 ގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ދިވެހިރާއްޖެ ތިން ޕޮއިންޓް ދަށަށް ޖެހިއްޖެއެވެ.
ސީޕީއައި 2021ގެ ނަތީޖާ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން މިއަދު ނެރެފައިވާއިރު ދިވެހިރާއްޖެ ވަނީ 03 ޕޮއިންޓް ދަށަށް ޖެހި ގައުމުތަކުގެ ރޭންކިންގްސް އިން 10 ގިންތި ދަށަށް ވެއްޓިފައެވެ. މި އިންޑެކްސްއިން ދައްކާ ގޮތުގައި ރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
ސީޕީއައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސް އެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.
2020 ވަނަ އަހަރުގެ ސީޕީއައި އިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިންތި އަދި 43 ޕޮއިންޓެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓެވެ. މި ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް އެވެ.
ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައިވީނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި އަދިވެސް ފަހަތައް ޖެހޭކަމަށް 2021 ގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން ރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، އަދި ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަމަށާއި، ސީޕިއައި އިންޑެކްސްގެ މެދު ދަރަޖައިގެ ރޭންކެއް ރާއްޖެއަށް ލިބުން ރަމްޒުކޮށްދެނީ، ގްރޭންޑް ކޮރަޕްޝަންފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް އޮތްކަންކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެއެވެ.
އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ މުއްސަދި މަދު ބަޔަކު ގިނަ ބައެއްގެ ހައްގުތައް ނަގާލާއި އަމިއްލަ މަންފާ ހޯދަމުންދާކަމަށާއި، މިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި މި މައްސަލަތަކައް އެކަށީގެންވާ ހައްލެއް ހޯދަންޖެހޭކަން ވަރަށް ސާފުކަމުގައިވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.