ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަނީ އަލުން އަނބުރާ ޖަލަށް ވަޑައިގަންނަވަންކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ޝިފާޒް މިހެން ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް މިރޭ ކޮމަންޑޫގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިސްވެހުންނަވައި އިދިކޮޅު ޕާޓީތަކުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޔާމީން އަނބުރާ ޖަލަށް ދިޔުމަށް އެދިގެން ކުރައްވާ ކަމެއް ކަމަށެވެ.
އަދި ޔާމީންފަދަ ރާއްޖޭގައި ވެރިކަން ކޮށްފައި ހުރި ފަރާތަކުން ނިކުމެ އާންމުކޮށް އިއުލާނުކޮށް ރާއްޖޭގެ ރަށްތަކުގައި، ފާރުތަކުގައި އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ޝުއޫރުތައް ލިޔަން އަންގަންޏާ އެއީ މިއަދު މި ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ. އަދި އެއީ ރާއްޖޭގެ ރައްޔިތުންވެސް އެމްޑީޕީންވެސް ގަބޫލުކުރާނޭކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވީމަ މި ދަންނަވަނީ އައުޓެއް ނުވެވޭނޭ، ވާން ޖެހޭނީ އިން، ޔާމީނު ޖެހޭނި އަލުން އަނބުރާ އޮތްތަނަށް ރުޖޫއަ ވާން. އެތެރެއަށް ދާން ޖެހޭނީ، ބޭރަކަށް ނުދެވޭނެ. އަލުން އަނބުރާ ޖަލަށް ދާން ތިކުރައްވާ މަސައްކަތް، އަޅުގަނޑު މިދަންނަވަނީ ކެރިގެން، ތަންކޮޅެއް ގިނަ ދުވަހު މާލެތެރޭގައި އުޅެވުނީމާ އަލުން އަނބުރާ ޖަލަށް ދާން ބޭނުންވެގެން ކުރައްވާ މަސައްކަތޭ،"
އޭނާ ވިދާޅުވީ ދައުލަތުގެ މާލިއްޔާއިން ބަލަހައްޓާ ހަރަދުކުރާ ރާއްޖޭގެ ވެރިކަން ކޮށްފައި ހުރި ފަރާތަކަށް ރާއްޖޭގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައެއް ނުލެވޭނެކަމަށެވެ. އަދި އެމްޑީޕީ ސަރުކާރެއްގައި އެކަމަކަށް ޖާގަ ދޭން ބޭނުން ނުވާކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުން ތަހައްމަލު ކުރަނީ ބިރުވެރިކަމެއް ކަމަށެވެ. އަދި މިއަދު ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން އަދި ވަކިން ހާއްސަކޮށް އިންޑިއާ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާގައި އިތުރަށް ވަހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ކެމްޕޭން ކުރިއަށްދާގޮތުން އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބޭނެ ކަމަށެވެ. މި އިންތިހާބުގައި ވާދަކުރާ އެމްއެންޕީއަށް އަލިއަޅުއްވާލައްވަމުން ޝިފާޒް ވަނީ އެ ޕާޓީއަށް ތައުރީފު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ މުޅިން އަލަށް އުފެއްދި ޕާޓީއަކުން އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަކީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކެންޑިޑޭޓަކު ނެރުނު ހިސާބުން އެ ޕާޓީއަށް ކާމިޔާބު ލިބިއްޖެ ކަމަށް އެ ޕާޓީން ގަބޫލުކޮށްފިކަން ފާހަގަކުރައްވާ ޝިފާޒް ވިދާޅުވީ އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އައި ހެޔޮ ފާލެއް ކަމަށެވެ.