ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 2،199 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޖުމްލަ 1،697 މީހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 677 މީހަކާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 680 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 60 މީހެކެވެ. ހަމައެއާއެކު ޕޮޒިޓިވްވީ ކޮންތަނަކުންކަން ޔަގީން ނުކުރެވޭ 280 މީހަކުވެސް މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެއެވެ.
https://twitter.com/HPA_MV/status/1484583343375417344
ޖުމްލަ 1،697 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ޓެސްޓުކުރި 7،263 ސާމްޕަލްގެ ތެރެއިންނެވެ. އޭގެ ތެރެއިން 3،269 ސާމްޕަލްއަކީ މާލެ ސަރަހައްދުން ޓެސްޓުކުރި ސާމްޕަލްތަކެވެ. އެހެންކަމުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި މިވަނީ ޓެސްޓުކުރި ސާމްޕަލްތަކުގެ 21 ޕަސަންޓް މީހުންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 49 މީހަކަށެވެ. އޭގެ އިތުރަށް ޕޮޒިޓިވްވެ، ހޯމް އައިސޮލޭޝަނުގައި މިވަގުތު 11،535 މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން މާލެއިން ރަށްރަށަށް ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންދަން ޖެހެއެވެ. ހަމައެއާއެކު، މާލެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން އެއްވާނެހެން ހަފްލާތަކާއި ހަރަކާތްތައް ނުބާއްވަން ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން މިދަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންގެ ސަބަބުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެ ދަތުރުކުރި 19 ފަތުރުވެރިއަކާއި އަށް ދިވެއްސަކަށް އޮމިކްރޯން ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް އޮމިކްރޯންގެ ބިރު ބޮޑެވެ.