ތ. ބުރުނީގައި ފުލުހުންގެ ޕޯސްޓެއް ހުޅުވުމުން، މަސްތުވާތަކެއްޗާ ސީދާ އަދި ނުސީދާ ގޮތުން ގުޅުންހުރި މައްސަލަތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ޕޮލިސް ޑެސްކެއްގެ ގޮތުގައި ބުރުނީ ރައްޔިތުންނަށް ދެމުންދިޔަ ފުލުހުން ޚިދުމަތް ޕޮލިސް ޕޯސްޓަކަށް ބަދަލުކޮށް، ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސީޕީ ހަމީދު ވިދާޅުވީ ރަށުގައި ހިނގާ ކުށްތަކާއި ރަށަށް ތައާރަފްވުމުގެ ފުރުސަތު އޮތް ކުށްތަކުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ގާއިމްކުރުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުމަކީ މުހިންމުކަމެއްކަމަށެވެ.
ކުށްކުރާ ފަރާތްތައް ފުލުހުން ގާއިމްވެފައިނުވާ ރަށްރަށަށް އަބަދުވެސް ކަޅިއަޅަމުންދޭ
ސީޕީ ހަމީދު ވިދާޅުވީ ބުރުންޏަކީ އަތޮޅު ފެށޭ ހިސާބުގައި އޮތް ރަށަކަށްވުމުން އަތޮޅު ފެރީއާއި މާލެއިން ދަތުރުކުރާ ފެރީތައް ބަނދަރުކުރުން ގިިނަކަން ރަށެއްކަމަށެވެ. އޭނާ ވިދާޅުވީ ބުރުނީގައި ފުލުހުންގެ ޕޯސްޓެއް ހުޅުވިގެން ދިއުމާއެކު، މަސްތުވާތަކެއްޗާ ސީދާ އަދި ނުސީދާ ގޮތުން ގުޅުންހުރި މައްސަލަތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ހަމައެއާއެކު ބުރުނީގެ ޕޮލިސް ޕޯސްޓާއެކު ގެވެށިއަނިޔާއާއި ކުޑަކުދިންނާމެދު ކުރާ ކުށްތަކާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުމުގެ މައްސަލަތަކުގެ ސަބަބުން ނުކުންނަ އެތައް މައްސަލަތަކަށް ހައްލުހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ޕެންޑަމިކް ފަދަ ހާލަތްތަކުގައި ފުލުުހުންގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށްބަލާއިރު، ރާއްޖޭގައި ފުލުހުންގެ ހިދުމަތްދީ ތަރައްގީކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތަކެއް އެބަހުރި
ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައިވާ ނިޒާމް ހަރުދަނާކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ހިމެނޭ ކަމަށެވެ. މިގޮތަށް ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދޭ ފުލުހުންގެ ޚިދުމަތަށް އިތުރު އަހައްމިއްތުކަމެއް ދިނުމުގެ މަގުސަދުގައިކަމަށް އޭނާވިދާޅުވިއެވެ
އަދި ބުރުނީގައި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު ވިލުފުށީ ޕޮލިސް ސްޓޭޝަނުން ފުލުހުން އައިސް ދެމުންއައި ފުލުހުންގެ ހިދުމަތް ނިމުމަކަށް އައިސް ބުރުނީ ރައްޔިތުންނަށް ހިދުމަތް ދެވިގެންދާނީ ރައްޔިތުންނާ ގާތުންކަމުގައި ވެސް ސީޕީ ވިދާޅުވިއެވެ.

ތ. ބުރުނީގެ ޕޮލިސް ޕޯސްޓް ހުޅުވުން -- ފޮޓޯ: ޕޮލިސް
ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ބުރުނީގައި ޕޮލިސް ޕޯސްޓެއް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި ރަށަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް، ކުށްމަދު ރަށަކަށް ވީނަމަވެސް، ކުށާއި ކުށުގެ ބިރުވެރިކަން އަތޮޅުތެރޭގެ ރަށްރަށަށް ފެތުރުމުގެ ކަންކަން ހިނގަމުންދާތީ ބުރުނީއަށްވެސް އޭގެ ނުރަނގަޅު އަސަރު ފޯރުން އެއީ ފުލުހުން އެކަމަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.