ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ށ. ފޯކައިދޫ އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް ސޯލިހުއާއި ރައީސް ނަޝީދު ފޯކައިދޫއަށް ވަޑައިގަންނަވަނީ މާދަމާ ރޭ އެ ރަށުގައި ބާއްވާ ކެމްޕެއިން ޖަލްސާއަށެވެ. މި ޖަލްސާގައި ދެ ރައީސުން ވާހަކަދައްކަވާނެއެވެ.
ދެ ރައީސުންގެ އިތުރުން، މި ޖަލްސާގައި އެމްޑީޕީގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރާޝިދުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާ ދެއްވީ ރައީސް ސޯލިހެވެ. އަދި އެއަށްފަހު ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުންވެސް ވަނީ ދާއިރާއަށް ދަތުރުކުރައްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އޭނާ އަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ރާޝިދަށް އެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ލިބުނީ އޭނާއާއެކު އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އިތުރު މީހަކު ކުރިމަތިނުލުމުންނެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
ކީއްކުރަން ކުރާކަމެއް! ތިގޮނޑި ސަރުކާރަށް ދޭނެ އިލެކްޝަނުން ކޮންމެވެސް މަޅިއެއްޖަހާފަ! މީހުންގެ ލޮލުގައި އަނދުންއަޅުވާން ދައުލަތް ބަނގުރޫޓުކޮށްފައި ކޮންދަތުރެއް ކުރާކަށް. ހަފުތާ ބަންދުގައި ދުރުރާސްތާގެ އެކްސްކާޝަނަކަށް ތިދިޔައީ!