ގދ.ކާޑެއްދޫ އެއަރޕޯޓަށް މީހުން އަރާ ފައިބާ ޖެޓީ ވެއްޓިއްޖެއެވެ.
ކާޑެއްދޫ އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު 'ޖަޒީރާ' އަށް މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު އެ އެއަރޕޯޓުގެ ޖެޓީގެ އެއްބައި ވަނީ މޫދަށް ވެއްޓިފައެވެ. އަދި ޖެޓީ ވީރާނާވެ، އަރި އަޅާލާފަ އޮންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ބުންޏެވެ.
ހަފްތާއެއް ވެއްޖެ، އެ ހާލަތުގައި އޮންނަތާ، އަރިއަޅާލާފަ ހުރީ، މިއަދު ހެނދުނު ވެސް އޮތީ ވެއްޓެން ކައިރި ވެފަ. ގާތްގަނޑަކަށް 50 އިންސައްތަ އެއޮތީ ވެއްޓިފަ.
މީގެއިތުރުން، އެ އެއަރޕޯޓު ވީރާނާވެ ހަލާކުވަމުންދާކަމުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ވެސް އެނގޭނެ ކަމަށާއި، ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ޖެޓީ ވެއްޓުނީ މޫސުން ގޯސްވެ، ފަސްގަނޑު ދަމައިގަތުމުގެ ސަބަބުންނެވެ.
މި ޖެޓީގެ ހާލަތާއި މެދު މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް މީގެކުރިން ކަންބޮޑުވުންފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ މި އެއަރޕޯޓް ހިންގާ އާރުއޭސީއެލްއާއި ޓްރާންސްޕޯޓް މިނިސްޓްރީން އަޅާނުލާ ކަމަށެވެ.
ހުވަދު އަތޮޅަށް އަންނަ ގިނަ ފަތުރުވެރިން ދަތުރުކުރާ މި އެއަރޕޯޓުގެ ހާލަތާއި މެދު އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.